logoEN
ކުޅިވަރު

ޔޫރަޕުގެ ހުރިހާ ތަށްޓެއް ހޯދި ފުރަތަމަ ޓީމަކަށް ޗެލްސީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

29 މޭ 2025 - 05:32

ޔުއެފާ ކޮންފަރެންސް ލީގުގެ ފައިނަލްގައި ފަހަތުން އަރާ ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު ޔޫއެފާއިން ބާއްވާ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށް ޗެލްސީވެއްޖެއެވެ.

ޕޮލެންޑްގެ ރޮކްލޯ ގައި ކުޅުނު ފައިނަލް މެޗު ޗެލްސީން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެއާއެކު ޗެލްސީ ވެފައިވަނީ ޔޫއެފާއިން އިންތިޒާމުކުރާ ހުރިހާ މުބާރާތެއް ކާމިޔާބުކުރިފުރަތަމަ ޓީމަށެވެ. މީގެ ކުރިން ޗެލްސީން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ޔޫއެފާ ސުޕަރ ކަޕް އަދި ކަޕް ވިނާސް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

މެޗު ފަށައިގެން 9 ވަނަ މިނިޓުގައި ރެއާލް ބެޓިސްގެ މިޑްފީލްޑަރ އަދި ކެޕްޓަން އިސްކޯ ދިން ޕާހަކުން އެޒަލްޒޫލީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ކަނާތު ވިންގަށް ކުޅެމުންދިޔަ މާލޯ ގަސްޓޯ ގެ ބަދަލުގައި ރީސް ޖޭމްސް ކުޅެން އަރުވާފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ބަޑިއަޝީލް އާއި ޕެޑްރޯ ނެޓޯގެ ބަދަލުގައި ލެވިސް ކޮލްވިލް އާއި ޖޭޑާން ސަންޗޯވެސް ވަނީ ކުޅެން އަރުވާފަ އެވެ. މި ބަދަލުތަކާއިއެކު ޗެލްސީގެ ކުޅުން ވަނީ އިތުރަށް ރަގަޅުވެފަ އެވެ.

ޗެލްސީ އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 65 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި އޭގެ ފަސް މިނިޓު ފަހުން ކޯލް ޕާމާ ދިން އެސިސްޓަކުން ނިކޮލަސް ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނީ ޖޭޑަން ސަންޗޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

ޗެލްސީ އިން ކާމިޔާބުކުރި މެޗުގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި މޯސެސް ކައިސޭޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީގެ މި މޮޅަކީ 2002 ވަނަ އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ފައިނަލެއްގައި ސްޕެއިންގެ ޓީމެއް އަތުން އެހެން ގައުމެއްގެ ޓީމެއް ހޯދި ފުރަތަމަ މޮޅެވެ. ޔޫރަޕްގެ މުބާރާތްތަކުގެ ފައިނަލުގައި މީގެ ކުރިން ސްޕެއިންގެ ޓީމުތައް ކުޅުނު 27 މެޗުން ސްޕެއިންގެ ޓީމުތައް ވަނީ މޮޅުވެފަ އެވެ.

ކޮމެންޓް

871x217_placeholder