ޓަރަމްޕްގެ ނުބައި ރޭވުން: ޣައްޒާގައި 6 ޖަލު އަޅައި، ކޮންމެ ޖަލަކަށް 6000 އާއިލާ ވައްދަނީ


29 މޭ 2025 - 11:48
ޣައްޒާގައި ބޮޑު ހަ ކޭމްޕު، ނުވަތަ ޖަލު ބިނާ ކުރުމަށް ޔަހޫދީން ނިންމާފައިވާ ކަމަށާއި، ރައީސް ޓްރަމްޕްގެ އެހީތެރިކަމާ އެކު ޤާއިމު ކުރާ ކޮންމެ ޖަލަކަށް 6000 ޢާއިލާ ގަދަބާރުން ބަދަލު ކުރުމަށް ރާވާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެ ތަންތަން ވަށައިގެން ސަލާމަތީ ކަންކަން ބަލަހައްޓާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނެވެ. މި ހުރިހާ ރޭވުމެއްގެ ބޭނުމަކީ، ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަތުމެވެ.
ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަނާ (ޖީއެޗްއެފާ) ޙަވާލުކޮށްފައި ވަނީ އެ ސަހަރުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޖަރީމާތަކުގެ ޙަޤީޤަތް ފޮރުވަން ކަމުގައި އދގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ޖީއެޗްއެފުން އެހީ ބެހުމަށް ޤާއިމު ކޮށްފައިވާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކޮށްފައި ވަނީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ.
ޔަހޫދީ ފައުޖުން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2 ވަނަ ދުވަހުއެވެ. އަދި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއިރު އަމަލު ކުރަމުން ދިޔަ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލާފައި ވަނީ މާރިޗު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 3,900 އަށްވުރެ މައްޗަށް އުފުލިފައެވެ.11 ހަފުތާގެ މެދުކެނޑުމަކަށް ފަހު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރަން ފަށާފައި ވަނީ ހުސްވި ހަފުތާގައެވެ. ނަމަވެސް، އެތެރެ ކުރުމުގެ ހުއްދަ ދީފައި ވަނީ މަދު އަދަދެއްގެ ކާބޯތަކެއްޗަށެވެ. އޭގެ ތެރެއިން ގިނަ ތަކެތި އެތެރެ ކޮށްފައި ވަނީ ޖީއެޗްއެފުންނެވެ. އެ ޖަމުޢިއްޔާއިން ބުނީ، މޭ 26އަށް ފަހު ކާބޯތަކެތި އަޅާފައިވާ 8,000 އެއްހާ ފޮށިގަނޑު ބަހާފައިވާނެ ކަމުގައެވެ. އަދި، އޭގައި 462,000 ކެއުން ހިމެނޭނެ ކަމުގައެވެ.
ނަމަވެސް، އދގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ޖީއެޗްއެފް ބޮއިކޮޓު ކޮށްފައެވެ.
ޖީއެޗްއެފަކީ، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތްތަކެއް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
5 މަސް ކުރިން
ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
3 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
3 މަސް ކުރިން