ފަލަސްތީނު ދައުލަތެއް ގާއިމުކޮށްފިނަމަ އިސްރާއީލުގެ ސަލާމަތަށް ނުރައްކާވާނެ


29 މޭ 2025 - 12:31
ފަލަސްތީނު ދައުލަތެއް ގާއިމުކޮށްފިނަމަ އިސްރާއީލުގެ ސަލާމަތަށް ނުރައްކާވާނެކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.
ގާނޫނާ ގަވާއިދާ ހިލާފަށް އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ އިތުރު މަޝްރޫއުތަކެއް އިއުލާނުކޮށްފައެވެ.
އިސްރާއީލު ސަރުކާރުން އިޢުލާނުކޮށްފައިވާ ގޮތުގައި، އެ ޤައުމުން ފަލަސްތީނުގެ ބިމުގައި އިތުރު 22 ތަނެއް މި ރޮނގުން ބިނާ ކުރާނެއެވެ. މީގެ ތެރޭގައި ކުރިން ސަރުކާރުގެ ހުއްދައަކާ ނުލައި ބިނާކޮށްފައިވާ ބައެއް "އައުޓްޕޯސްޓް" ތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުން ވެސް ހިމެނެއެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ބުނީ މިއީ އިސްރާއީލަށް ނުރައްކާވެދާނެ ފަލަސްތީނު ދައުލަތެއް ޤާއިމްވުން ހުއްޓުވުމަށް އެޅޭ އިސްތިރާޖީ ފިޔަވަޅެއްކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ލިކުޑް ޕާޓީން ނެރުނު ބަޔާނެއްގައި މި ނިންމުމަކީ "ޖީލަކު އެއްފަހަރު އަންނަ ނިންމުމެއް" ކަމަށް ބުނެ، އިސްރާއީލުގެ އިރުމަތީ ސަރަޙައްދާއި އުރުދުންއާ ދެމެދު އޮތް ބޯޑަރުގައި އިސްރާއީލުގެ ބާރު ވަރުގަދަކުރުމަށް އެޅުނު ފިޔަވަޅަކަށް ވެގެންދާނެކަމަށް ވަނީ ބުނެފައެވެ.
މިހާރުވެސް އިސްރާއީލުން ވަނީ ވެސްޓް ބޭންކުގައި 100 އަށްވުރެ ގިނަ އިމާރާތްތައް ގަވާއިދާ ހިލާފަށް ބިނާކޮށްފައެވެ. މި އިމާރާތްތަކުގައި 5 ލައްކަ އަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން ދިރިއުޅެއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި 3 މިލިއަނަށްވުރެ ގިނަ ފަލަސްތީނުން ދިރިއުޅެއެވެ. އެމީހުން ދިރިއުޅެނީ އިސްރާއީލުގެ އަސްކަރީ ވެރިކަމުގެ ދަށުގައެވެ.
އިސްރާއީލުގެ މި ނިންމުމަކީ އެ ސަރަހައްދުގައި އިތުރަށް ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.
ހަމާސްއިން މިކަން ސިފަކޮށްފައިވަނީ ހަނގުރާމައިގެ ބައެއްގެ ގޮތުގައެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
5 މަސް ކުރިން
ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
3 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
3 މަސް ކުރިން