logoEN
ޚަބަރު

ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން : އެމްއެމްއޭ

އާމިނަތު ސަފާއާމިނަތު ސަފާ

03 ޖޫން 2025 - 04:50

ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް މި އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި މޯލްޑިވެސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިފަދައިން ބުނީ ބޭންކިންގ ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރާ އިޖުރާއަތުތަކާގުޅޭ ގޮތުން ޢާންމުންނަށް އޮޅޭ ގޮތަށް އަދި މި އޮތޯރިޓީން ހިންގާ ލައިސަންސިންގ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ތެދު ނޫން ޚަބަރު މީޑިއާގައި ފަތުރަމުންދާތީ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ އޮތޯރިޓީއިން ބުނީ ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުގެ ދަށުން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރަނީ 3 މަރުޙަލާއަކަށްކަމަށެވެ. އެއީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ އާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ އާއި، ލައިސަންސް ދިނުމުގެ މަރުޙަލާއެވެ.

"ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި މި އޮތޯރިޓީން ބަލާނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަރ އަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން އަށެވެ. މި މަރުޙަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ، މި އޮތޯރިޓީގެ ލައިސަންސިންގ ސެކްޝަނުންނެވެ. މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ މި އޮތޯރިޓީގެ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ" އަށެވެ. އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުންނެވެ."

އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ "ކޮންޑިޝަނަލް" ހުއްދައެއްކަމަށާއި މީގެ ބޭނުމަކީ، ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް މުއްދަތެއް ދިނުންކަމަށް އެމްއެމްއޭގެ ބަޔާނުގައި ބުންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެކަމަށްވެސް ބަޔާނުގައިވެއެވެ.

"ބޭންކިންގ ލައިސަންސްއަކަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަކަށް މަތީގައި ދެންނެވި މަރުޙަލާގެ ދަށުން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން "ކޫލިންގ އޯފް ޕީރިއަޑް" އެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. މިގޮތުން، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުން އައު އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށް ޓަކައި، މުޅި އިވެލުއޭޝަން މަރުޙަލާ އަލުން ހިންގޭނެއެވެ. އަދި ލައިސަންސް ދޫކުރެވޭނީ، އިވެލުއޭޝަންގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާކަމަށް ބޯޑުން ނިންމައި، ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުންނެވެ."

އެމްއެމްއޭއިން ބުނީ މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި، ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ޤާއިމްކުރާކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީން އަބަދު ވެސް އެންމެ އިސް އަހަންމިއްޔަތުކަމެއްދޭ ކަންކަމަށެވެ. ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް އެ އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގައި އެ އޮތޯރިޓީންވަނީ ޔަޤީންކަންދީފިއެވެ.

ކޮމެންޓް

871x217_placeholder