ވައްކަން ކުރި މީހާގެ ދިފާޢު: "ކުރާނެ މަސައްކަތެއް ނެތް، ކެވޭނެ ގޮތެއް ނެތް"
18 ސެޕްޓެމްބަރު 2024 - 06:10
ފިހާރައަކުން ވައްކަން ކުރީ ކާނެ އެއްޗެއް ނުލިބެން ކަމަށް, ފުލުހުންގެ ތަޙުޤީޤުގައި މީހަކު ބުނެފިއެވެ.
ވައްކަމުގެ މި މައްސަލައިގައި ހައްޔަރު ކުރީ ކ.މާލޭ، މއ. ޒެނާޔާ އަލީ ޖައުފަރު، 40 އެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބުނެފައިވަނީ މި ދުވަސްކޮޅު މަސައްކަތެއް ނުލިބޭތީ ލާރީގެ ދަތިކަން ވަރަށް ބޮޑަށް ހުރި ކަމަށާއި ކާނެ އެއްޗެއް ހޯދާނެ ފައިސާ ވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ. އެހެންކަމުން ފިހާރައިން ތަކެތި ވަގަށް ނެގީ ބަނޑުހައިވެގެން ކާނެ އެއްޗެއް ނުލިބިގެން ކަމަށެވެ.
އެހެންނަމަވެސް ފުލުހުންގެ އިންވެސްޓިގޭޝަން ރިޕޯޓާއި ހަވާލާ ދީ މައްސަލަ ބައްލަވާ ޤާޟީ ފާހަގަ ކުރައްވާފައިވަނީ އޭނާ ފިހާރައިން ވަގަށް ނަގާފައިވަނީ މީހަކު ބަނޑުހައިވެގެން ކާނެ އެއްޗެއް ނެތިގެން ކާން ބޭނުންކުރާ ޒާތުގެ އެއްޗެއް ނޫން ކަމަށެވެ.