logoEN
ކުޅިވަރު

އާޖެންޓީނާގެ ވޮންޑަރކިޑް މަސްޓަންޓުއޯނޯގެ ސޮއިހޯދުމަށް ރެއާލް އާއި ޕީއެސްޖީ ގަދަހިފުމަކަށް

އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާއަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން ފާރަލަމުންދޭ

އާޖެންޓީނާގެ ޒުވާން ކުޅުންތެރިޔާއަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން ފާރަލަމުންދޭ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 ޖޫން 2025 - 07:39

ރިވަރ ޕްލޭޓްގެ 17 އަހަރުގެ ޒުވާން ކުޅުންތެރިޔާ ފްރާންކޯ މަސްޓަންޓުއޯނޯގެ ސޮއި ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑް އާއި ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ)ގަދަ ހިފުމަކަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މަސްޓަންޓުއޯނޯގެ ސޮއި ހޯދުމުގެ މަސައްކަތް ޕީއެސްޖީއިން ނިމިދިޔަ ހަފްތާގައި ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސްފައިވަނިކޮށް އިއްޔެ ރެއާލް އިން ވަނީ މަސްޓަންޓުއޯނޯގެ ސޮއި ހޯދުމަށް ކުޅުންތެރިޔާ އާއި ވާހަކަދައްކަން ފަށާފައެވެ. މިގޮތުން ކްލަބުގެ ހެޑް ސްކައުޓް ޖުނީ ކަލަފަޓް ވަނީ އާޖެންޓީނާއަށް ފޮނުވާފައެވެ. ކުރިން ރެއާލް މެޑްރިޑްއިން މަސްޓަންޓުއޯނޯގެ 45 މިލިއަން ޔޫރޯގެ ރިލީސް ކްލޯޒް ދެއްކުމަށް ޝައުގުވެރިކަން ނެތްކަމަށް ބުނިނަމަވެސް ނަމަވެސް، ޕީއެސްޖީން އެ އަދަދު ދެއްކުމަށް ތައްޔާރަށް ހުރުމާއެކު ރެއާލް އިން ވަނީ މިކުޅުންތެރިޔާއާއި އަލުން ވާހަކަދައްކަން ފަށާފައެވެ.

މަސްޓަންޓުއޯނޯގެ ހުވަފެނީ ކުލަބަކީ ރެއާލް މެޑްރިޑްކަން މީގެކުރިން ފަބްރީޒިއޯ ވަނީ ހާމަކޮށްފައެވެ.

ކުޅުންތެރިޔާގެ ސޮއިހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މަސްޓަންޓުއޯނޯއާއި ރެއާލް މެޑްރިޑްގެ ކޯޗު އަލޮންސޯ ވަނީ ފޯނުން ވާހަކަދައްކައި، މެޑްރިޑްގައި އޭނާގެ މުސްތަގުބަލާ މެދު ތަފްސީލީ މަޝްވަރާތަކެއް ކޮށްފައެވެ. ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކެވެސް މަސްޓަންޓުއޯނޯއާ ވާހަކަދެއްކި ނަމަވެސް، އަލޮންސޯގެ މަޝްވަރާތައް މި މައްސަލައިގައި ނިންމުން ނިންމުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

ޑިއާރިއޯ އޭއެސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މަސްޓަންޓުއޯނޯ ރެއާލް މެޑްރިޑްއާއެކު ކުޅުމަށް ހުއްދަ ދީފައިވާ ކަމަށާއި، ކުރިން ރިޕޯޓު ކުރެވުނު ގޮތުގައި އޭނާ ވަނީ ރެއާލް މެޑްރިޑްގެ ނިންމުމަށް އިންތިޒާރު ކުރުމަށްޓަކައި ޕީއެސްޖީއާއެކު ކުރަމުންދިޔަ މަޝްވަރާތައް މެދުކަނޑާލާފައެވެ.

ރެއާލް މެޑްރިޑްއިން މި ހަފްތާގެ ތެރޭގައި މި ޑީލް ނިންމާލެވޭނެ ކަމަށް އުންމީދު ކުރި ނަމަވެސް، ރިވަރ ޕްލޭޓާއެކު އަދިވެސް މަޝްވަރާތައް ކުރަން ޖެހެއެވެ. އެއީ ރިލީސް ކްލޯޒްގެ އަގު އެއްފަހަރާ ދެއްކުމަށް ރެއާލް މެޑްރިޑްއިން ޝައުގުވެރިކަމެއް ނުދައްކާތީއެވެ. ރެއާލް މެޑްރިޑާއި ޕީއެސްޖީއާއެކު ރިވަރ ޕްލޭޓްވެސް މިމަހުގައި އެމެރިކާގައި ކުޅޭ ކުލަބް ވޯލްޑްކަޕްގައި ވާދަކުރާނެއެވެ.

ކޮމެންޓް

871x217_placeholder