17 އަހަރުތެރޭގައި ތަށްޓެއް ހޯދައިދިން ހަމައެކަނި ކޯޗު ފޮސްޓެކޯގްލޫ ޓޮޓްނަމްގެ ކޯޗުކަމުން ވަކިކޮށްފި


07 ޖޫން 2025 - 08:41
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމުން އޮސްޓްރޭލިއާގެ އޭންޖް ޕޮސްޓެކޯގްލޫ ވަކިކޮށްފި އެވެ.
އުމުރުން 59 އަހަރުގެ ޕޮސްޓެކޯގްލޫ މަގާމުން ވަކިކުރިއިރު އޭނާ ވަނީ ނިމިގެންދިޔަ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ހޯދަދީފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ހޯދި މި ކާމިޔާބީއަކީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ޓީމަށް މުބާރާތެއްގެ ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ.
ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާ ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދި ނަމަވެސް ޕްރިމިއާ ލީގުގައި އެ ޓީމަށް އެދެވޭ ނަތީޖާތަކެއް ލިބިފައެއް ނުވެއެވެ. ޓޮޓްނަމް ލީގު ނިންމާލާފައިވަނީ 17 ވަނައިގައި އޮވެގެންނެވެ.
ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު 38 މެޗުގެ ތެރެއިން އެ ޓީމު ވަނީ 22 މެޗުން ބަލިވެފަ އެވެ.
ޓޮޓްނަމް ހޮޓްސްޕަރ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނި ޔޫރޮޕާ ލީގަކީ އެ ކްލަބުގެ ތާރީޚުގައިވެސް އެންމެ ބޮޑު ކާމިޔާބީ ކަމަށާއި ނަމަވެސް އެކަމަށް އެކަނި ވިސްނައިގެން ކްލަބުގެ މުސްތަގުބަލް ކަނޑަނޭޅޭނެ ކަމަށެވެ. އެގޮތުން ޕްރިމިއާ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 66 މެޗުން އެ ޓީމަށް ލިބިފައިވަނީ 78 ޕޮއިންޓް ކަމަށާއި މިއީ އެ ކްލަބުން އެންމެ އެދޭ ނަތީޖާތަކެއް ނޫން ކަމަށެވެ
ޕޮސްޓެކޮގްލޫ ޓޮޓެންހަމްގައި ހޭދަކުރީ ދެ އަހަރެވެ. މި މުއްދަތުގައި އޭނާގެ ދަށުން ޓޮޓެންހަމް އިން ކުޅުނީ 101 މެޗެވެ. މި މެޗުތަކުގައި އެވްރެޖްކޮށް ޕޮއިންޓް ހޯދާފައިވަނީ 1.53 އެވެ. މިއީ އޭނާގެ ކުރިން ޓޮޓެންހަމްގެ މެނޭޖަރުކަން ކުރި އެންޓޯނިއޯ ކޮންޓޭގެ އެވްރެޖަށްވުރެ ދަށް އަދަދެކެވެ.
ޕޮސްޓެކޮގްލޫ ވަކިކޮށް ޓޮޓެންހަމް އިން މިހާރު ވަނީ އައު މެނޭޖަރަކު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އިތުރު ލިޔުންތައް

އިނގިރޭސި ޕްރީމިއަރ ލީގު: ޕެޕް ގުއާޑިއޯލާ ގެ އައު ކޮންޓްރެކްޓާއެކު ބަލިވުމުގެ އައު ރެކޯޑެއް ހަދައިފި
8 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ޓޮޓްނަމް ޗެރީސް އަތުން ބަލިވެއްޖެ
7 މަސް ކުރިން
އިނގިރޭސި ޕްރީމިއަރ ލީގު: ކޯލްޑް ޕާމާ ކުކުޅަށް ފެންދީފަ ކަތިލައިފި
7 މަސް ކުރިން