ހަފްތާ ބަންދުގެ މޫސުން ގޯސްވާނެ


12 ޖޫން 2025 - 12:39
ކުރިއަށް އިތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ހަފްތާ ބަންދުގެ މޫސުން ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހު އުތުރު އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.
އަދި ހޮނިހިރުދުވަހު މުޅި ރާއްޖެއަށް ގުގުރުމާއެކު ވިއްސާރަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މިރޭގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.
ވައިޖެހޭނެކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވަނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
މިރޭވެސް ހުރިހާ ފަރާތްތަކަކުން އަދި ވަކިން ހާއްސަކޮސް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.