ސަރުކާރުގެ މާލީ ސިޔާސަތާއެކު ބޭނުން ކުރެވޭ ރިޒާވް 217 މިލިއަން ޑޮލަރަށް އަރައިފި


14 ޖޫން 2025 - 15:56
ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު މިއަހަރުގެ ފުރަތަމަ ފަސް މަސް ނިމުނުއިރު، ދިވެހިރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް 217 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އއެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މޭ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް ވަނީ 217.88 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭޕްރިލް މަހާ އަޅާބަލާއިރު 46.58 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އޭޕްރިލް މަހު ބޭނުން ކުރެވޭ ރިޒާވް ހުރީ 171.3 މިލިއަން ޑޮލަރުގައެވެ.
ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ބޭރުފައިސާގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން މިއަހަރު ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވެއެވެ. އަދި ޖޫން 1 އިން ފެށިގެން މި އިންސައްތަ 90 އަށް އިތުރުކޮށްފައިވާކަމަށް އެމްއެމްއޭއިން މަޢުލޫމާތު ދެއެވެ.
ދައުލަތުގެ ރިޒާވަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއެކު، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ ފިޗް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިހާރު އޮތް ސީސީ ރޭޓިންގގައި ދަމަހައްޓާފައެވެ. މީގެ ކުރިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރި އެއް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ރިޒާވަށް ހުރި ގޮންޖެހުންތަކެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އިތުރަށް ރަނގަޅުވާނެކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.
އިތުރު ލިޔުންތައް

ބޭނުން ކުރެވޭ ރިޒާވް އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ
10 މަސް ކުރިން
ބޭންކުން އެންމެ ގިނަ ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ދާއިރާއަށް: އެމްއެމްއޭ
10 މަސް ކުރިން