logoEN

ދެ ޤައުމު ސުލްޙަ ކުރެވޭނެ، މިހާރުވެސް ވަރަށް ގިނަ ފޯނު ކޯލު ކޮށްފިން - ޓްރަމްޕް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

15 ޖޫން 2025 - 14:59

އިސްރާޢީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި، ދެ ޤައުމު ސުލްހަ ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ފޯނު ކޯލުތަކާއި ބައްދަލުވުންތައް ކުރިއަށް ދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ނެޓްވޯކް ޓްރޫތު ގައި ކުރެއްވި ޕޯސްޓެއްގައެވެ. "އީރާނާއި އިސްރާއީލުން އެއްބަސްވުމަކަށް އަންނަން ޖެހޭނެ، އަދި އަންނާނެ" ޓްރަމްޕްގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ލިބުނު ގެއްލުން ވަރަށް ބޮޑެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް އިސްރާއީލުން ނުދެކޭފަދަ ގެއްލުންތަކެކެވެ.. މިއީ ސަރަޙައްދުގައި ވަރުގަދަ ސިފައިންގެ ބާރެއް އޮތް ޤައުމަކާ 1973 ވަނަ އަހަރަށްފަހު އިސްރާއީލުން ކުރިމަތިލި ފުރަތަމަ ފަހަރެވެ.

އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށީ އެމެރިކާ އިން އީރާނާއެކު އިތުރު ނިއުކްލިއަރ މަޝްވަރާތަކެއް ފެށުމަށް ތައްޔާރުވަމުންދަނިކޮށެވެ. ނަމަވެސް، ހުކުރު ދުވަހު އިސްރާއީލުން ދިން ވަރުގަދަ ހަމަލާއަށް ފަހު ޓްރަމްޕް މި ހަމަލާތައް ސިފަކުރެއްވީ "ވަރަށް ރަނގަޅު" އަދި "ވަރަށް ކާމިޔާބު" ހަމަލާތަކެއްގެ ގޮތުގައެވެ.

އިސްރާޢީލާއި އީރާނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމަައިގެ ސަބަބުން މެދު އިރުމަތީގެ ހަމަޖެހުން ގެއްލިފައިވާ ކަމަށާއި އެ ސަރަހައްދުގެ ހަމަޖެހުމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރވެސް ވަނީ ވިދާޅުވެފައެވެ.

ކެނެޑާގައި ބާއްވާ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން، ސްޓާމަރ ނޫސްވެރިންނަށް ވިދާޅުވީ، އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކާއެކު އަސްކަރީ އެހެން އުޅަނދުތައް ވެސް މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށެވެ. އެއީ އެ ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރަން އެހީތެރިވުމަށް ތައްޔާރުވުމުގެ ގޮތުން ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނަށް ޔަހޫދީ ފައުޖުން އިސްވެ ޙަމަލާދީ އީރާނުގެ ސައިންސްވެރިންތަކަކާއި އަސްކަރީ އިސް އޮފިޝަލުންތަކެއް ޝަހީދުކޮށްލިއެވެ. އޭގެ ރައްދުގައި އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ޙަމަލާތައް ފޮނުވާލައި، ބޮޑެތި ގެއްލުންތައް ދީފައެވެ.އޭގެފަހުން، ރޭގެ ވަގުތެއްގައި ވެސް ޔަހޫދީންގެ ފައުޖުން ވަނީ އީރާނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށް އައު ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ސުލްހަވެރި ހައްލެއް ހޯދަން އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު މެެދުއިރުމަތީގެ އެކި ގައުމުތަކުގައި ގާއިމުވެ ތިބި އެމެރިކާގެ ސިފައިން ވަނީ ކަންކަން ކޮންޓްރޯލުން ބޭރުވެދާނެ ކަމަށް ބަލައި، މަތީ އިންޒާރުގެ ހާލަތަކަށް ބަދަލުކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

871x217_placeholder