logoEN
ދުނިޔެ

މުސްލިމުންގެ ބިން ހުސްކުރޭ، ޔަހޫދީން ވަޒަންވެރިކުރުވާފައި ތިބޭ ސަރަހައްދަށް ހަމަލާދޭނަން : އިރާން

އާމިނަތު ސަފާއާމިނަތު ސަފާ

16 ޖޫން 2025 - 04:25

ސަހުޔޫނީން ފަލަސްތީނުގެ ބިމުން އަނިޔާވެރިކަމާއެކު ފޭރިގަނެ ޔަހޫދީން އާބާދުކޮށްފައިވާ ސަރަހައްދަށް ހަމަލާދޭނެކަމަށާއި މުސްލިމުންގެ ބިންތައް ހުސްކުރުމަށް ގޮވާލައި އީރާނުގެ އަސްކަރީ ތަރުޖަމާނު ކާނަލް ރިޒާ ސައްޔާދު ޔަހޫދީންނަށް އިންޒާރު ދެއްވައިފިއެވެ.

ކާނަލް ރިޒާވަނީ އީރާނުގެ ވަރުގަދަ ހަމަލާތައް ދެން އަމާޒުވާނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެލައި މިހާރު ޔަހޫދީން އާބާދުކޮށްފައިވާ ސަރަހައްދަށްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޔަހޫދީންނަށް ދޭ އިންޒާރެއްކަމަށާއި ވީއެންމެ އަވަހަށް މުސްލިމުންގެ ބިންތައް ހުސްކުރުމަށް ރިޒާ ވަނީ ގޮވާލައްވާފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަލަސްތީނުގެ ބިމުގެ 85 އިންސައްތަ ސަހުޔޫނީންވަނީ ހިފާފައެވެ. މި ބިންތަކުގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ޔަހޫދީންގެ އަދަދު 7 ލައްކަ އަށް އަރައެވެ. އަދި މި ބިންތަކުގައި ކޮންމެވެސް ވަރަކަށް ފަލަސްތީނުގެ އަސްލު ރައްވެހިންވެސް ދިރިއުޅެމުންގެންދެއެވެ.

ރިޒާ ވިދާޅުވީ ސަހުޔޫނީ ދައުލަތުން އިރާނަށް ދިން ހަމަލާތަކުގެ ރައްދުގައި ޔަހޫދީންގެ މުހިންމު ތަންތަނަށް ހަމަލާތައް ދީފައިވާނެކަމަށާއި އިރާނުގެ މުޖާހިދުންގެ އަތުގައި މިހާރު އިސްރާއީލުގެ ހުރިހާ މުހިންމު ތަންތަނުގެ މައުލޫމާތުވެސް އެބަ ހުރިކަމަށެވެ. ވުމާއެކު ކޮންމެ ވަގުތެއްގައިވެސް ކޮންމެ ތަނަކަށް ހަމަލާ ދެވޭނެކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ ހަމަލާތައް އަމާޒުކުރާއިރު ޔަހޫދީންގެ އާއްމުންނަކަށް އަދި ސިފައިންނަކަށް ނުބަލާނެކަމަށެވެ.

އީރާނުން ދަނީ ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އަޅާ ތެޔޮ އުފައްދާ މަރުކަޒުތަކާއެކު ހަކަތަ ފޯރުކޮށްދޭ މަގުތަކަށް މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އީރާނުގެ އެންމެ ފަހުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުންދަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވަށާއި ހައިފާއަށެވެ. ހަމަލާތަކުގައި ބޮޑުވަރު ވަމުން ދަނީ ހައިފާއަށެވެ. ނަމަވެސް އިންޓަނެޓް ކަނޑާލައި އީރާނުން ދޭ ހަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފޮޓޯ ތައް އާއްމުކުރަން ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ.

މިހާތަނަށް އިރާނުންވަނީ ޔަހޫދީންގެ 44 ޑްރޯން ވައްޓަލާފައެވެ.

ކޮމެންޓް

871x217_placeholder