ސައްދާމް ހުސައިންއަށް ހެދިގޮތް ހާމަނާއީއަށް ހަދަންޖެހިދާނެ


17 ޖޫން 2025 - 12:27
ޝަހީދުކޮށްލާފައިވާ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއަށް ހެދިގޮތް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއަށް ހަދަންޖެހިދާނެކަމަށް ބުނެ ސަހުޔޫނީން އިންޒާރު ދީފިއެވެ.
ރައީސް ސައްދާމަކީ 1991 ވަނަ އަހަރު ފަލަސްތީނުގެ ހައްގުގައި، އިރާގުގެ ފަަސްގަނޑުން ބެލެސްޓިކް މިސައިލުންނާއި ސްކަޑް މިސައިލުން އިސްރާއީލަށް ހަމަލާ ދެއްވި ޖެހިލުން ކުޑަ ފަހުލަވާނެކެވެ. މިހަމަލާތަކުގައި ސަހުޔޫނީ އިސްރާއީލުގެ 4،100 އިމާރާތް ހަލާކުވެ، 74 މީހުން މަރުވިއެވެ. މިއީ މިހާތަނަށްވެސް އަރަބި އެއްވެސް ލީޑަރަކަށް ކުރަން ކެރިވަޑައިގެފައި އޮތް ކަމެއް ނޫނެވެ.
ސަހުޔޫނީންގެ ދިފާއީ ވަޒީރު ކަޓްޒް ވަނީ އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާނެކަމަށް ބުނެފައެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމް ޝަހީދުކޮށްލި ގޮތަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ޝަހީދުކޮށްލާނެކަމަށް ބުނެ ކަޓްޒް އިންޒާރު ދީފައިވާއިރު އޭނާ ބުނީ ސަހުޔޫނީ ޔަހޫދީންނާ ދުނިޔޭގެ އެއްވެސް ގައުމަކަށް ނުކުޅެވޭނެކަމަށެވެ. ޝަހީދުކޮށްލި މުސްލިމުންގެ ލީޑަރު ސައްދާމް ހުސައިން އާ ބެހޭގޮތުން ވާހަކަ ދައްކައި ކަޓްޒް ބުނީ އިރާނާ އިންވެގެންއޮތް އިރާގުގެ ރައީސް ސައްދާމު ޝަހީދުކޮށްލަންޖެހުނީ ޔަހޫދީންނާ ދެކޮޅަށް ގެންގުޅުނު އަނިޔާވެރިކަމުގެ ސަބަބުންކަމަށެވެ.
ސަހުޔޫނީ އިސްރާއީލާ ދެކޮޅަށް ސައްދާމު ގެންގުޅުނު ސިޔާސަތުގެ ސަބަބުން ސައްދާމް ޝަހީދުކޮށްލި ޝަހީދުކޮށްލުން އިރާނުގެ ރޫހާނީ ލީޑަރު ހާމަނާއީ ހަނދާންކޮށްގެން އުޅުން ރަނގަޅުކަމަށް ކަޓްޒްވަނީ ބުނެފައެވެ.
އިސްރާއީލުން އިރާނަށް ދިން ހަމަލާގެ ވާހަކަ ނުދައްކައި ކަޓްޒް ވަނީ ރައްދުގައި އިރާނުން ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ގަދަ ބަސް ބުނެ ތެހެރާނު ރައްޔިތުން ފުރާނަ ބޭނުންނަމަ އެ ސަހަރު ދޫކޮށް ދިއުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ. ކަޓްޒުގެ ވާހަކައިގައި އިތުރަށް ބުނީ އިސްރާއީލުން އިރާނަށް އިތުރަށް ހަމަލާދޭނެކަމަށެވެ.
ސައްދާމް ދަންޖައްސާފައި ވަނީ 2006 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 30ވަނަ ދުވަހުއެވެ. އެއީ އެ އަހަރުގެ ބޮޑު އީދު ދުވަހު އެވެ. ސައްދާމް ހުސައިން އިރާގުގައި ވެރިކަންކުރެއްވީ 1979 އިން 2003 އަށެވެ.
ސައްދާމު ދަންޖެއްސުމުގެ ހަތަރު ދުވަސް ކުރިން ދެއްވި މެސެޖްގައި ވަނީ އެމެރިކާއާ ދެކޮޅަށް އުއްމަތް އެއްބައިވުމަށް ގޮވާލައްވައިފަ އެވެ. އަދި ދުނިޔެ ދޫކޮށް ދަނީ ޝަހީދެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައިވެ އެވެ.
އިތުރު ލިޔުންތައް

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފި
9 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
8 މަސް ކުރިން
އިސްރާއީލުން އީރާނަށް ވައިގެހަމަލާދިނުން ހުއްޓާލައިފި
8 މަސް ކުރިން