އެސްޕަންޔޯލްގެ ސަޕޯޓަރުންނަށް ގޮންޖަހައި، ގާސިއާ ބާސެލޯނާއަށް

ގާސިއާ އަކީ މިދިޔަ ސީޒަނުގައި އެސްޕަންޔޯލް ރެލިގޭޓް ނުވެ ހުއްޓުވައިދިނުމުގައި އެންމެ މުހިންމު މޭސްތިރި

17 ޖޫން 2025 - 11:35
ބާސެލޯނާއިން އެސިޓީގެ ވާދަވެރި އެސްޕަންޔޯލްގެ ގޯލްކީޕަރު ޖޯން ގާސިއާގެ ސޮއި ހޯދުމަށް ތައްޔާރުވެއްޖެއެވެ. މިދިޔަ ސީޒަނުގެ ފަހުމެޗުގައި އެސްޕަންޔޯލްގެ ސަޕޯޓަރުން ދަނޑަށް އަރައި ބަތަލެއްގެ ލަޤަބާއެކު ގާސިއާ އާއެކު އުފާ ފާޅުކުރިނަމަވެސް، ޒަމާންވީ ހަތުރު ބާސެލޯނާއަށް އޭނާ ބަދަލުވާން އުޅޭ ޚަބަރާއެކު ސަޕޯޓަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ސިޓީގެ އެކި ހިސާބުތަކުގައި ގާސިއާ އަށް ފެންނާނެހެން ގްރެފިޓީ ޖަހާފައެވެ.
ގާސިޔާގެ ކޮންޓްރެކްޓް ބާތިލް ކުރުމަށް ބާސެލޯނާއިން ލަލީގާއަށް ރިލީޒް ކްލޯޒްގެ ގޮތުގައި ހިމެނޭ 25 މިލިއަން ޔޫރޯ (28.9 މިލިއަން ޑޮލަރު) ދައްކައި ނިންމާފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިމުއާމަލާތް މިއަދު ކުލަބުން ރަސްމީކޮށް އިޢުލާން ކުރާނެކަމަށް ބެލެވެއެވެ.
ނަމަވެސް މި މުއާމަލާތް ފުރިހަމަ ކުރުމުގެ ކުރިން ލީގުން މި ފައިސާ ސާފުކޮށް، މުއާމަލާތް ވެލިޑޭޓް ކުރަން ޖެހޭނެއެވެ. މިދިޔަ ސީޒަނުގައިވެސް ބާސެލޯނާއިން ގެނައި ކުޅުންތެރިން ރެޖިސްޓްރީކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
24 އަހަރުގެ ގާސިއާ ބާސެލޯނާއާ އެކު 2031 ވަނަ އަހަރާ ހަމައަށް ދެމިގެންދާ 6 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. މި މުޢާމަލާތާއެކު ބާސެލޯނާގެ ޖަރުމަނު ކީޕަރު މާކް-އެންޑްރޭ ޓެރް ސްޓެގެންގެ ކުރިމަގާއި މެދުގައި ވަނީ ސުވާލުތައް އުފެދިފައެވެ. ޖަރުމަނުގެ ފުރަތަމަ ކީޕަރަށް ޖާގަ ލިބޭނީ ބެންޗުން ކަމަށް ބެލެވޭއިރު، އަންނަ އަހަރުގެ ވޯލްޑްކަޕްގައި ޖަރުމަނުގެ ފުރަތަމަ 11 ގައި ކުޅުމަށް، ކުލަބުގެ ފުރަތަމަ 11 ގައި ސްޓެގެން ހިމެނުމަކީ މުހިންމުކަމަކެވެ. ނަމަވެސް ސްޓެގެން ބުނެފައިވަނީ އޭނާ ބާސެލޯނާ ދޫކޮށް ނުދާނެކަމަށެވެ.
މީގެ އިތުރުން މިދިޔަ ސީޒަނުގައި ބާސާގެ ގޯލު ބެލެހެއްޓީ ވޯޖެކް ޝެޒްނީ ވަނީ އެއް އަހަރުދުވަހަށް ކޮންޓްރެކްޓް އައުކޮށްފައެވެ. ސްޓެގެންގެ ކޮންޓްރެކްޓްގައި ބާކީ 3 އަހަރު އޮތްއިރު، އޭނާ އަކީ ބާސެލޯނާގެ މިވަގުތު އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. އެހެންކަމުން ބާސެލޯނާއިން ސްޓެގެން ކުލަބުން ދޫކޮށްލުމަށް މަސައްކަތްކުރާކަމަށް ރިޕޯޓްތައް ބުނެއެވެ.
އިތުރު ލިޔުންތައް

ފަސޭހަ މޮޅާކާއި އެކު ބާސެލޯނާއިން ބަޔާން އާއި މެޑްރިޑަށް ވަރުގަދަ މެސެޖެއް.
9 މަސް ކުރިން
ފޯމުގައި އޮތް ބާސެލޯނާ ކުރިމަތިލާނީ މި ސީޒަންގެ މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު އިމްތިޙާނަށް.
9 މަސް ކުރިން
މި ސީޒަންގެ އެންމެ ފޯމުގައި އޮތް ބާސެލޯނާއިން ބަޔާން މިޔުނިކް ލަދުގަންނަވާލައިފި.
8 މަސް ކުރިން