ޓްރަމްޕް އީރާނަށް: "ޝަރުތަކާ ނުލާ އަމާން ދީ"


18 ޖޫން 2025 - 12:02
އެއްވެސް ޝަރުޠަކާ ނުލައި އަމާން ދިނުން ނޫން އިތުރު ގޮތެއް އީރާނަށް ނެތް ކަމަށް ބުނެ އަނެއްކާވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރު ދީފިއެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ މެދު އެމެރިކާއިން އަމަލު ކުރާނެ ވަކި ގޮތެއް ޓްރަމްޕް ނިންމަވާފައި ނުވާ ކަމަށާއި، ނަމަވެސް، ޔަހޫދީންނާ ގުޅިގެން އީރާނަށް ޙަމަލާ ދިނުމުގައި ބައިވެރިވުމަށް ޓްރަމްޕް ނިންމެވުމުގެ ފުރުޞަތު ބޮޑު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެ ފަދަ ނިންމެވުމަކަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ވިލާތުގެ ޤައުމުތަކަށް ތެޔޮ އަޅާ މަތިންދާބޯޓުތައް ފޮނުވަން ފަށާފައެވެ.
ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް ތެހެރާންގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުން އެ ރަށް ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުން އެބަ ދެއެވެ. ތެހެރާން ދޫކޮށް ދަތުރު ކުރަމުންދާ މީހުންގެ އަދަދު އިތުރުވުމާ އެކު، އެ ރަށުން ބޭރަށް ދަތުރު ކުރެވެން އޮތް މަގުތަކުގައި ތޮއްޖެހިފައިވާ ކަމުގައި ވެސް އީރާނުން މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.ތެހެރާންގެ ދެކުނުން އޮތް ރެޔިގައި ހަތިޔާރު އެޅި ގުރޫޕަކާއި އީރާންގެ ސަލާމަތީ ބާރުތަކާ ދެމެދު ޙަމަލާ ބަދަލު ކޮށްފައިވާ ކަމުގައި ވެސް އީރާނުގެ ނޫހެއް ކަމުގައިވާ މަހްރު ނޫހުން ރިޕޯޓު ކުރިއެވެ. އެ ނޫހުން ބުނީ، ހަތިޔާރު އެޅި ގުރޫޕަކީ އީރާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ރާވަމުން ދިޔަ ބަޔެއް ކަމަށް ބެލެވޭ ކަމުގައެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް އުފައްދައި، ރައްކާކޮށްފައިވާ ޤައުމަކީ އީރާން ކަމުގައެވެ. އީރާނުން ބުނީ، ބެލިސްޓިކް މިސައިލް އުފެއްދުމަކީ، އީރާނަށް ޔަހޫދީންނާއި އެމެރިކާއިން ދީފާނެ ޙަމަލާތަކުން ދިފާޢުވުމަށް ބޭނުންވާ ހަތިޔާރެއް ކަމުގައެވެ. އަދި، އީރާނަށް ޙަމަލާ ދެމުންދާ ނަމަ، މެދުއިރުމަތީގެ ޤައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ވެސް އީރާނުން އޮތީ ދީފައެވެ.ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޓްރަމްޕްގެ ރުހުމާ އެކުގައި ކަމަށް ބެލެވެއެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކާ ގުޅުވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމުގައެވެ. އީރާންގެ ރޫހީ އިސްވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއަށް ވެސް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ.
އިތުރު ލިޔުންތައް

އެމެރިކާގެ އިންތިޚާބު: އެންމެ ފަހުގެ ދެ ޕޯލުން ކުރީގައި ހެރިސް
8 މަސް ކުރިން
ރަޙީނުން މިނިވަންކުރަން ގޮވާލައި ޓްރަމްޕްގެ އިންޒާރު ހަމާސްއަށް
6 މަސް ކުރިން
ޓްރަމްޕުގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބުގެ ނައިބަކަށް ޕްރޯ އިސްރާއީލީ މޯގަން
6 މަސް ކުރިން