އަހަރެން ފަހަރެއްގައި ހަނގުރާމައިގައި ބައިވެރިވެދާނަން - ޓްރަމްޕް


19 ޖޫން 2025 - 11:30
އިސްރާޢީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާއިން ބައިވެރިވެދާނެ ޙާލަތެއް އައިސްދާނެ ކަމަށާއި، އަދި ހަނގުރާމައިގައި ބައިވެރިނުވާ ޙާލަތެއްވެސް އައިސްދާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިފަދައިން ބުނެފައިވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
"އަހަރެން ހަނގުރާމައިގައި ބައިވެރިވެދާނަން. ނޫނީ ހަނގުރާމައިގައި ބައިވެރި ނުވެވެސްދާނަން. އަހަރެން ކުރާނީ ކޮންކަމެއްކަން އެއްވެސް މީހަކަށް ނޭނގޭނެ. އެކަމަކު އަހަރެންނަށް ބުނެވޭނީ އީރާނަށް ވަރަށް ގިނަ މައްސަލަ ދިމާވެފައިވާ ކަމާއި، އެމީހުން ވާހަކަދައްކަން ބޭނުންވާ ކަން." ޓްރަމްޕް ބުންޏެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައަކީ އީރާނުން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހަނިކުރުމަށް އެމެރިކާއިން ހުށަހެޅި ޝަރުތުތަކާއި އެއްބަސްވެފައިވާނަމަ ދިމާވާނެ ކަމެއް ނޫންކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެމެރިކާގެ އޮފިޝަލުން ވަނީ އޭޕްރިލް މަހުން ފެށިގެން އީރާނުގެ އޮފިޝަލުންނާއި ބައްދަލުކޮށް، ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޔުރޭނިއަމް އެންރިޗްކުރުން ހަނިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުމާ ނުލައި، އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލުމުގެ ޤާބިލުކަން ޔަހޫދީ ފައުޖުގެ ކިބައިގައި ނެތް ކަމުގައި އަސްކަރީ އަދި ދިފާޢީ ދާއިރާގެ މާހިރުން ދަނީ ބުނަމުންނެވެ.
ޔަހޫދީންނާ ބައިވެރިވެ، އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތައް ފެންނަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓުތަކަށް ވައިގެ މަގުން ތެޔޮ އަޅާ މަތިންދާބޯޓުތައް ނުވަތަ ޓޭންކަރުތައް ވިލާތުގެ ޤައުމުތަކަށް ފޮނުވާފައެވެ. އަދި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ނިމިޓްޒް މި ވަގުތު ދަނީ މެދުއިރުމައްޗަށް ދަތުރު ކުރަމުންނެވެ.
ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދަނީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. ނަމަވެސް، އަސްކަރީ އަދި ދިފާޢީ ދާއިރާގެ މާހިރުން ބުނީ، ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން އީރާނުން ބިމު އަޑީގައި ޤާއިމު ކޮށްފައިވާ މަރުކަޒުތައް ނައްތައިލުމުގެ ޤާބިލުކަން ޔަހޫދީ ފައުޖަށް ލިބިގެން ނުވާ ކަމުގައެވެ.ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އަދި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ޕުރޮގުރާމުގައި މަސައްކަތް ކުރާ ސައިންޓިސްޓުންނަށެވެ.
އިސްރާޢީލަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާނެ ކަމަށާއި، އިސްރާޢީލުން ދޭ އެއްވެސް އިންޒާރަކަށް ފަސްޖެހުމެއް ނެތް ކަމަށް އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ވިދާޅުވެއްފައެވެ.
އީރާނުގެ ވެރިރަށުން މީހުން ފޭބުމަށް އިންޒާރުދީ، އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ދޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ. ނަމަވެސް މިކަމުގެ ރައްދުގައި އީރާނުން ބުނެފައިވަނީ އީރާނު ލައްވައި އެއްވެސް ބަޔަކަށް މަޖުބޫރުން އެއްވެސް ކަމެއް ނުކުރުވޭނޭ ކަމަށެވެ.
އެއްވެސް ޝަރުޠަކާ ނުލައި އަމާން ދިނުން ނޫން އިތުރު ގޮތެއް އީރާނަށް ނެތް ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ އެކު، ޔަހޫދީ ފައުޖުން އީރާންގެ އަމާޒުތަކަށް އަނެއްކާ ވެސް ވަނީ ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. މި ވަގުތު އެންމެ ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ވެރިރަށް ޠަހްރާނާއި، އެ ސަރަޙައްދުގައި އޮތް އެހެން ރަށްތަކަށެވެ.
އީރާންގެ މީޑިޔާތަކުން ބުނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް ޠަހްރާންގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުން އެ ރަށް ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ޠަހްރާން ދޫކޮށް ދަތުރު ކުރަމުންދާ މީހުންގެ އަދަދު އިތުރުވުމާ އެކު، އެ ރަށުން ބޭރަށް ދަތުރު ކުރެވެން އޮތް މަގުތަކުގައި ތޮއްޖެހިފައިވާ ކަމުގައި ވެސް އީރާނުން މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.
އިތުރު ލިޔުންތައް

އެމެރިކާގެ އިންތިޚާބު: އެންމެ ފަހުގެ ދެ ޕޯލުން ކުރީގައި ހެރިސް
8 މަސް ކުރިން
ރަޙީނުން މިނިވަންކުރަން ގޮވާލައި ޓްރަމްޕްގެ އިންޒާރު ހަމާސްއަށް
6 މަސް ކުރިން
ޓްރަމްޕުގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބުގެ ނައިބަކަށް ޕްރޯ އިސްރާއީލީ މޯގަން
6 މަސް ކުރިން