އެމްޑީޕީގައި ''ފަނި''އެޅުމުން ކުރިމަގު ގެއްލި އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށް


20 ޖޫން 2025 - 10:43
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،"
މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭނާގެ ވަފާތެރިންނާއެކު އެމްޑީޕީންނުކުމެ ވަޑައިގެން ދަ ޑިމޮކްރެކްޓްސް ކިޔާ ޕާޓީއެއް 12 ޖުލައި 2023 ގައި އުފެއްދެވުމަށްފަހު، ޖެހިގެން އައި 13 ޖުލައި 2023 ގައި އެ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ޕޯޑިއަމްގައި ވަރަށް ހަރުއަޑުން ވިދާޅުވި އިބާރާތްތަކެވެ.
އެއިރު އޮތީ ރިޔާސީ އިންތިޚާބު ވަރަށް ގައިދޮށްވެފައެވެ. އެއަށްފަހު ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން މަސައްކަތްފެށީ އިންތިޚާބަށް ކެންޑިޑޭޓެއް ނެރޭށެވެ. އެމްޑީޕީގެ މެމްބަރުން ދުށްގޮތުގައި ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަފާތެރިން ބޭނުންވީ އެމްޑީޕީގެ ވޯޓުތައް ބައިބައިކޮށް، އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުވާލުމެވެ. އެއީ މަގްސަދުނަމަ އެކަން ނިކަން ރަނގަޅަށްވިއެވެ. އެމްޑީޕީއަށް ބޮޑު ބައްޔެއްލިބި އާންމު މެމްބަރުން އަނެއްކާވެސް މަގުމަތިވީއެވެ.
ދެން ޑިމޮކްރެޓްސް އިން ބުނަމުން އައީ އައު ސަރުކާރުގައި އެ ޕާޓީގެ ބައިވެރިވުން އޮންނާނެކަމަށެވެ. އެކަމަކު ސަރުކާރުން ނުވަތަ ވެރިކަން ލިބުނު ޕީއެންސީން އެފަދަ ވާހަކައެއްގެ އިޝާރާތެއްވެސް ނުކުރެއެވެ. ސަބަބަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ ޕީއެންސީ/ޕީޕީއެމްގެ ފިކުރު ގިނިކަންޔާ ނުކުމެ ކުރި މަސައްކަތުންކަމަށް ވުމެވެ. ނަމަވެސް ޑިމޮކްރެޓްސް އިން ނަނާ ހުވެފެން ދުށުމަށްފަހު މާގިނަ ދުވަހެއްނުވެ އައު ސަރުކާރު ކަމުނުގޮސްގެން އުޅެން ފަށައިފިއެވެ. މަގާމާއި އުންމީދުކުރި ކަންކަން ނުވީކަމަށް ވެދާނެއެވެ. ކުރީގެ ރައީސަކާއި ކުރީގެ ވަޒީރުންނާއި އެމްޑީންނާއި މަޖިލިސް މެމްބަރުން ވެސް ހިމެނިގެން އުފެއްދި ޑިމޮކްރެޓިސް އަށް ދެން އައި މަޖިލިސް އިންތިޚާބުގައި ވެސް ގޮނޑިއެއްނުލިބި ދިޔައީ ފަނުފުލަށެވެ. އެހިސާބުން އެޕާޓީއަށް ވިސްނުނީކަމަށް ވެދާނެއެވެ. އެއިރު އާންމު މެމްބަރުން ބިކަވެ، ނުވިތާކަށް ކުރިން ތިބި ޕާޓީ ވެސް އޮތީ މަގުމަތިވެފައެވެ.
ވެރިކަން ގެއްލޭ ޕާޓީގެ އަމާޒަކަށް އޮންނާނީ އަލުން ވެރިކަމަށް އައުމެވެ. އެމްޑީޕީގެ ވެސް އޮތީ އެ އަމާޒެވެ. އެ އަމާޒަށް ދިޔުމަށް އިސްކޮށް ތިއްބެވި ބޭބޭފުޅުން ރިޔާސީ ޕްރައިމަރީގެ މަސައްކަތް ނުރަސްމީކޮށް ފެއްޓެވިއިރު، ޕާޓީގެ ޗެއާޕާސަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަސައްކަތް ފެއްޓެވީ ޢިއުލާން ވެސް ކުރަށްވާފައެވެ. ދެން އެކަމުގައި އުޅުއްވަން ފެއްޓެވީ ކުރީގެ ޚާރިޖީ ވަޒީރު، މިހާރު އެމްޑީޕީގެ ރައީސް ޢަބުދުﷲ ޝާހިދެވެ. އެދެބޭފުޅުންނަށް ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ދެއްވި ޔަގީންކަމަކީ ''ބާރަށް ކުރިއަށް'' ދިޔުމަށް ކަމަށްވެއެވެ. ފައްޔާޒު ގާތު އިބޫ ވިދާޅުވީ ''ފައްޔާޒަށް ދެރަވާނެކަމެއް ނުކުރަށްވާނެ'' ކަމަށެވެ. ޝާހިދު ގާތުވެސް ވިދާޅުވީ ''ބާރަށް ޖެއްސުމަށެވެ. އެކުގައި ހުންނަވާނެކަމަށެވެ. ދެރަވާގޮތެއް ނަހައްދަވާނެ ކަމަށެވެ.'' އިބޫ އަކީ އެއް އިރެއްގައި ވެސް ވިދާޅުވާގޮތަށް ކަންކުރަށްވާ ބޭފުޅެއްނޫންކަމުން ފައްޔާޒާއި ޝާހިދު ނެރެ، ޚަރަދުކުރުވައި ޓީމް ވެސް ހެދުވުމަށްފަހު އިބޫގެ ކުޅިބައި އަތުރަން ފެށީއެވެ. އެހިސާބުން ނަޝީދަށް މިވަސް ދުވައި، އެމްޑީޕީ ރޫޅާލުމުގެ ދެވަނަ ފިޔަވައްސަށް އަމާޒު ހިފީކަމަށް އިތުބާރުހުރި މަސްދަރުތަކުން ބުނަމުންދެއެވެ.
ނަޝީދު އެމްޑީޕީއަށް ''ފަނި ފޮނުވުން''
ކުއްލި އަކަށް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑިމޮކްރެޓްސްގެ އިސް މެންބަރުންތަކެއް ވަނީ އެމްޑީޕީއާ ގުޅިފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސް ހަސަން ލަތީފް، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް ފަދަ އިސް ބޭފުޅުން ހިމެނެއެވެ. މިއީ ނަޝީދުގެ ވަފާތެރިން ތެރެއިން އެންމެ ގާތް ބޭފުޅުން ތެރޭ ހިމެނޭ ބޭފުޅުންނެވެ. އަމްރު ފިޔަވައި ދެން ތިއްބެވީ ރައީސް ނަޝީދު އެކޮޅުކޮޅުން ތިބެން އެންގިޔަސް އެކަން ކުރާވަރު މީހުންކަމަށް މީހުން ކިޔާއުޅެއެވެ. އެމްޑީޕީގެ ގިނަ ބަޔަކު ވެސް އަދި ސިޔާސީ ދާއިރާ ދިރާސާކުރާ މީހުން ވެސް ޤަބޫލުކުރާ ގޮތުގައި ނަޝީދު މި ބޭފުޅުން ފޮނުއްވީ ''ޓާސްކް'' އެއް ފުރިހަމަ ކުރުމަށެވެ.
ނަޝީދުގެ ބޭނުމަކީ ޕްރައިމަރީން އިބޫ ކަޓުވައިލުން
ނަޝީދުގެ ވަފާތެރިންގެ ބަޔަކު އަލުން އެމްޑީޕީ އަށް ފޮނުވީ އިބޫ ޕްރައިމަރީއަށް ދޮންކުރަށްވާކަން ނަޝީދަށް އެނގިވަޑައިގަތުމުންނެވެ. އެއަށްފަހު އެކަން ކަށަވަރުވީ އިބޫ ފެކްޝަންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމުންނެވެ. އެ ބައްދަލުވުމުގެ ފަހަތުން ނަޝީދު ޢިއުލާން ކުރީ ރިޔާސީ ރޭހަށް ނުކުތުމުގެ ވިސްނުންފުޅު އޮތްކަމަށެވެ. ނަޝީދުގެ ޓާގެޓަކީ ކުރީގެ ވެސް ޓާގެޓް ކަމަށް ދިރާސާކުރާ މީހުން ބުނެއެވެ.
ޑިމޮކްރެޓްސް އިން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުން
ރިޔާސީ ރޭހުގެ ޝައުގު ފާޅުކުރެއްވުމަށްފަހު ނަޝީދު ރާއްޖެ ވަޑައިގެން 16 ޖޫން 2025 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ އެޕާޓީގެ ޗެއާ ފައްޔާޒާއި ބައްދަލުކުރެއްވިއެވެ. އެއިރު ނަޝީދު ކުރިން ފޮނުވި ޓީމު ވެސް މަސައްކަތް ކުރަމުން އައީ ފައްޔާޒާއެކު ފައްޔާޒަށް ޕްރައިމަރީ ކާމިޔާބު ކޮށްދޭށެވެ.
އެއަށްފަހު 2023 ވަނަ އަހަރު އެމްޑީޕީން ވަކިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީން، 17 ޖޫން 2023 ގައި ވަނީ އެ ޕާޓީގެ އެންމެހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމާފައެވެ.
އެމްޑީޕީގެ އާންމު މެންބަރުންގެ ކަންބޮޑުވުން
އެމްޑީޕީގެ އިސްވެރިން ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔާފައިވީ ނަމަވެސް، އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި މިކަމާމެދު ތަފާތު ޚިޔާލުތައް އުފެދިފައިވެއެވެ. ޚާއްޞަކޮށް މިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ބަލިކަށި ނަތީޖާގެ ފަހަތުގައި ނަޝީދާއި އެމަނިކުފާނާއެކު ޑިމޮކްރެޓްސްއަށް ވަޑައިގެންނެވި ބޭފުޅުންގެ ދައުރު އޮތްކަމަށް ގިނަ މެންބަރުން ގަބޫލުކުރެއެވެ. އެހެންވެ ''ސީދާ ޕާޓީއަށް ގެއްލުންދިން މީހަކަށް'' މަރުޙަބާ ނުކިޔޭނެކަމަށް އެ މެމްބަރުން އަންނަނީ ބުނަމުންނެވެ. އެ މެމްބަރުން މަގުމަތި ކޮށްލި މީހުންގެ މަތީން އެމެމްބަރުން ހަނދާން ނުނެތެނީތާއެވެ.
އާންމު މެމްބަރުން ދެވަނަ ވިސްނުމަކަށް
އެމްޑީޕީގެ އާންމެމްބަރުންގެ އެދުމަކީ ވެސް ދެން އަންނަ ވެރިކަމުގެ ލައްޒަތެވެ. އެހެންކަމުން އެ ޕާޓީގެ މުސްތަގުބަލަށް އެންމެ ފުންކޮށް ވިސްނާނީ އެ މެމްބަރުންނެވެ. މިހާރު ފެންނަނީ އެތެރެ ހައްތަހާ ހަލަބޮލިވާތަނެވެ. ބައިބައިވެ ރޫޅެމުންދާތަނެވެ. ނަޝީދު ވިދާޅުވި ވިދާޅުވުމުގައި އަސްލު ކުލަ ޖެހެންފެށީ އަދިކިރިޔާއެވެ. އެންމެފަހުން ނަޝީދުވެސް ފައްޔާޒަށް ލަނޑު ނުދޭނެކަމެއް ވެސް ނޭނގެއެވެ. އިބޫ އަށް ޓިކެޓް ލިބިއްޖެނަމަ ޔަގީނުން ވެސް ނަޝީދު ނުކުންނާނީ ހަނގުރާމައަށެވެ. ޝާހިދަކީ ''ބާޣީ'' އެއްވީމައި އެކަން ވާކަށް ނެތެވެ. ފައްޔާޒާއި އަނެއް ދެބައި އިދިކީލި ވީމައި ވެސް އެކަން ވާކަށް ނެތެވެ. ވެރިކަން ލިބެން އޮތް ފޯމިއުލާތައް ''އަތައް ގޮވައި'' އަނެއްކާ ވެސް ޕާޓީ މަގުމަތިވާނީއެވެ. އެންމެ ބޮޑު ގެއްލުމެއް ތަހައްމަލުކުރާނީ ޕާޓީގެ އާންމު މެމްބަރުންނެވެ. އެހެންވެ އެ މެމްބަރުން ދެވަނަ ވިސްނުމަކަށް ދާން ތައްޔާރުވަނީއެވެ. ވެރިކަން ލިބޭ ބަޔަކާއިއެކު ގޮސް ހިތްހަމަޖެހުން ނުހޯދަންވީ ސަބަބެއް ނެތެވެ. އިދިކޮޅު ފުނޑުފުނޑުވާއިރު އަދުގެ ސަރުކާރު ބަދަހިވެ، ލަޝްކަރު ބިޔަވެ ވަނީ ފައްކާވެފައެވެ. ވެރިކަމެއް ހޯދުމަށް ބޭނުންވާ ހުރިހާ ޝަރުތެއް ފުރިހަމަކޮށްފިއެވެ. އިންތިޚާބުގެ މައިދާނުއި މޮޅަށްކުޅެ ވިންކުރާނެ އެއްބައިވަންތަކަމާއި ރޫހް އޮތީ ޕީއެންސީއާއި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައެވެ. މިކަންކަމާއި އެމްޑީޕީގެ މެމްބަރުން ވިސްނާނެކަން ކަށަވަރެވެ.
އިތުރު ލިޔުންތައް

އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ
އަހަރެއް ކުރިން
ރާއްޖޭގެ މާލީ ހާލަތު ގޯސްވަނީ ސަރުކާރުގެ ސިޔާސަތާއި ހެދި: އަމީރު
10 މަސް ކުރިން
މިހާރުގެ މާލީ ހާލަތު ވެރިން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ: ނަޝީދު
10 މަސް ކުރިން