ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ބާއްވަނީ

22 ޖޫން 2025 - 02:50
.jpg&w=3840&q=75)
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޑިސްކަޝަން ކުރިއަށްދާނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4:00 އިން 5:30 އަށް، ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އޮޑިޓޯރިއަމްގައެވެ.
މި ޕެނަލް ޑިސްކަޝަންގެ މައިގަނޑު މަޤްސަދަކީ ކަނޑުގެ ވަސީލަތްތަކާ ގުޅުންހުރި ދާއިރާގައި މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމާއި، ރާއްޖޭގައި މި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކަށް އަލިއަޅުވާލުމެވެ.
މީގެ އިތުރުން، މި ދާއިރާ ކުރިއަރުވައި ދެމެހެއްޓުމާއި، ދަރިވަރުންގެ މެދުގައި މި ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ޕެނަލް ޑިސްކަޝަންގެ މުހިންމު ބޭނުމެކެވެ.
ޕެނަލް ޑިސްކަޝަންގައި ދިވެހިންނާއި ކަނޑާހުރި ގުޅުމާއި، ކަނޑު ހިމާޔަތްކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާނެއެވެ.
މި ޑިސްކަޝަންގައި ބައިވެރިވާ ޕެނަލިސްޓުންނަކީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޝަންގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލުގެ އިތުރުން ކޮލެޖް އޮފް ފިޝަރީޒް ސައިންސްގެ ދަރިވަރެކެވެ.
މި ޕެނަލް ޑިސްކަޝަންގެ ތެރެއިން މި ދާއިރާގެ ތަޖުރިބާކާރުންނާ ސުވާލުކޮށް، ދާއިރާއާ ބެހޭ މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ޑިސްކަޝަން ބާއްވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ މުހިންމުކަމަށް އަލިއަޅުވައިލުމުގެ ބޭނުމުގައެވެ.