މިދިޔަ އަހަރު އަހަރު އަސާސީ ޕެންޝަނަށް 1.3 ބިލިއަން ރުފިޔާ ހޭދަކުރި
22 ޖޫން 2025 - 07:39

ނިމިގެންދިޔަ 2024 ވަނަ އަހަރުގެ ތެރޭގައި ދައުލަތުން އަސާސީ ޕެންޝަންގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާއިޢުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު އަސާސީ ޕެންޝަނަށް ދައުލަތުން ކުރި ހޭދަ ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު %7 އިތުރުވެފައެވެ. މިގޮތުން 2023 ވަނަ އަހަރު އަސާސީ ޕެންޝަނަށް 1،229،378،254 (އެއްބިލިއަން ދުއިސައްތަ އޮނަތިރީސް މިލިއަން ތިން ލައްކަ ހަތްދިހަ އަށް ހާސް ދުއިސައްތަ ފަންސާސް ހަތަރު ރުފިޔާ) ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ 1،320،319،233 (އެއްބިލިއަން ތިންސަތޭކަ ވިހި މިލިއަން ތިން ލައްކަ ނަވާރަ ހާސް ދުއިސައްތަ ތިރީސްތިން ރުފިޔާއެވެ.

Ad by Hajj Corporation
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އަސާސީ ޕެންޝަނަށް އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ޑިސެންބަރު މަހުގައެވެ. އެގޮތުން ޑިސެންބަރު މަހު އަސާސީ ޕެންޝަންގެ ގޮތުގައި 112 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މީގެ އިތުރުން މިދިޔަ އަހަރު ދައުލަތުން ރިޓަޔަރމަންޓް ޕެންޝަނަށް ކުރި ހޭދަ 11.6 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ރިޓަޔަރމަންޓް ޕެންޝަނަށް 165މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ 2023 ވަނަ އަހަރު ޚަރަދުކުރި 146 މިލިއަނަށްވުރެ ގިނަ ރުފިޔާ އާ އަޅާބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރިޓަޔަރމަންޓް ޕެންޝަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޖުލައި މަހުގައެވެ. އެގޮތުން ޖުލައި މަހު ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި 17.2 މިލިއަން ވަނީ ހަރަދުކޮށްފައެވެ.


