ކޭޕާކް މަމްދޫހް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ހަސަން މަމްދޫހް (މަންޑޭ): އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައި
.jpg&w=3840&q=75)
23 ޖޫން 2025 - 07:25
ހުޅުމާލޭގެ ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ހުޅުމާލޭގައި އަޅަމުންދާ މަތީ ފެންވަރުގެ ހައުސިން މަޝްރޫއު ނުވަތަ މިކްސްޑް ޔޫސް ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ތަރައްގީކުރާ ބަޔަކީ އެ ފްލެޓްތަކުގެ ކޮންޓްރެކްޓަރު ކަމުގައިވާ ހަންބޯ ކުންފުނިއެވެ. މަމްދޫހް އަކީ އެ ކުންފުނީގެ އެއް ހިއްސާދާރުއެވެ.
އެގޮތުން އެ ފްލެޓްތަކުގެ ފައިސާގެ ޚިޔާނާތުގެ އަދި މަނީލޯންޑަރިންގެ އެކި މައްސަލަތަކުގައި ޕީޖީން ދައުވާކުރަނީ މަމްދޫހާއި މި ކަމުގައި އޭނާއާ ބައިވެރިވި ކަމަށް ބުނާ ޖައިޝަން ސައީދުގެ މައްޗަށެވެ. އެގޮތުން މަމްދޫހުގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ. އަދި ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެއެވެ.
ހުޅުމާލޭގައި ތަރައްގީކުރާ ކޭޕާކް ފްލެޓް
އެ މައްސަލައިގައި ޝަރީޢަތް ނިމެންދެން މަމްދޫހް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އެ ދައުވާތަކާ ގުޅޭ ގިނަ އަޑުއެހުންތަކަށް މަމްދޫހް ހާޒިރުނުވުމުގެ ސަބަބުން، އެ ޝަރީއަތްތައް ކެންސަލް ވާތީއެވެ. އެގޮތުން އެ އަޑުއެހުންތަކަށް ހާޒިރުވާން އުޒުރުވެރިވެ، ޑޮކްޓަރުގެ ލިޔުންތަކެއް ވެސް އޭނާ ކޯޓަށް ހުށަހަޅާފައިވެއެވެ.
އެހެން ނަމަވެސް މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ކޯޓަށް ހާޒިރު ނުވެވޭ ފަަދަ ބައްޔެއް ޑޮކްޓަރުގެ ލިޔުމުގައި ފާހަަގަކޮށްފައި މަމްދޫހް ފާހަގަކޮށްފައިނުވާ ކަމަށާއި، އަދި ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުނުވެވޭނެ ކަމަށް އެންގުމަށް ފަހު، އެ ދުވަސްތަކުގައި ގެއިން ބޭރުގައި މަންޑޭ އުޅެފައިވާ ކަމަށް އެކި ފަރާތްތަކުން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ގާޒީ އެފަދައިން ފާހަގަކުރިއިރު، މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށް ވެސް އޭނާ ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
މަންޑޭ އަދި އޭނާ ނިސްބަތްވާ ހަންބޯ ކުންފުނީގެ ޗައިނާ ޑިރެކްޓަރު
ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލަ މަމްދޫހުގެ މައްޗަށް ތުހުމަތުކުރެވޭއިރު، ހުސްވި 2023 ވަނަ އަހަރުގެ ފަހުކޮޅު، އޭނާ އޭރު ދިިރިއުޅުނު ޕެންޓް ހައުސް އަށް ވަދެ ފުލުހުން ވަނީ އެތައް މިލިއަން ރުފިޔާގެ މުދާ ހޯދާފައެވެ. ގާތްގަޑަކަށް 7.8 މިލިއަން ރުފިޔާގެ އެ ޕެންޓް ހައުސްގައި، މަތީ ބްރޭންޑްތަކުގެ އަތް ދަބަސްތަކާއި، ތަފާތު ވައްތަރުގެ އަގުބޮޑު ގަހަނާގެ އިތުރުން، އިތުރު ގިނަ މުދާ ވެސް ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އޭރުގެ ޕީޖީ ހުސައިން ޝަމީމް ހާމަކުރެއްވި ގޮތުގައި، މަމްދޫހު އެ ފައިސާ ހޯދިކަމަށް ބެލެވެނީ، ޖުމްލަ 41 އެޕާޓްމެންޓެއް 107 މީހަކަށް ވިއްކައިގެންނެވެ. މަމްދޫހުގެ މައްސަލަ ފުލުހަށް ހުށަހެޅީ ވެސް އޭނާ ނިސްބަތްވާ ހަންބޯ ކުންފުނީގެ ޗައިނާ ހިއްސާދާރުއެވެ.
އިތުރު ލިޔުންތައް

ޖިހާދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި
އަހަރެއް ކުރިން
ޕީޖީ ޝަމީމު ވަކިކުރަން މަޖިލީހުގެ ކޮމެޓީއިން ފާސްކޮށްފި
10 މަސް ކުރިން
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ޝަމީމް އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފި
10 މަސް ކުރިން