މޮސާޑަށް ވާގިވެރިވާ މީހުން މެރުން: އިރާނަކީ މީހުން ދަންޖައްސާ ބައެއްގެ ގޮތުގައި ސިފަކުރަން ފަށައިފި


23 ޖޫން 2025 - 09:33
މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާޑަށް ޖާސޫސުކޮށްދޭ މުނާފިގުންނަށް ވަރުގަދަ ރައްދެއްދީ މޮސާޑަށް ޖާސޫސުކޮށްދިން މި ފަދަ ދެވަނަ މީހާ މަރާލުމާލުމާއެކު ޔަހޫދީން ރުޅިގަދަވެ އިރާނަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން ދަންޖައްސާ ގައުމުގެ ގޮތުގައި ސިފަކުރަން ފަށައިފިއެވެ.
އިރާނުގެ ބައެއް ސަރަހައްދުތަކުގެ މައުލޫމާތާއި ވަރުގަދަ ލީޑަރުންގެ ސިއްރު މައުލޫމާތު މޮސާޑަށް ދީގެން އިރާނުން އިއްޔެ ދަންޖައްސާ މަރާލާފައިވަނީ މަޖީދު މުސައްޔަބީ ކިޔާ މީހެކެވެ. އެއާއެކު މުހައްމަދު-އަމީން މަހްދަވީ ކިޔާ މީހަކުވެސް ވަނީ މޮސާޑަށް ޖާސޫސުކޮށްދިންކަމުގެ ކުށް ސާބިތުވެ ދަންޖައްސައި މަރާލާފައެވެ.
އިރާނުންވަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގައި ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާޑަށް ޖާސޫސުކޮށްދޭ މުނާފިގުންނަށް ވަރުގަދަ ރައްދެއްދީފައެވެ. މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އިރާނަށް ދިން ހަމަލާތަކާއެކު އިރާނުގެ ސަލާމަތީ ބާރުތަކުން ވަނީ ދުޝްމިނުންނަށް ޖާސޫސުކޮށްދެމުން ދިޔަ ގިނަ އަދަދެއްގެ މުނާފިގުން ހައްޔަރުކޮށްފައެވެ. މިފަދަ މީހުން ދަންޖައްސަން އިރާނު ސަރުކާރުން ނިންމީ މުސްލިމުންނާ ކާފަރުންނާ ކުރާ ހަނގުރާމައިގައި ކާފަރުންނަށް ޖާސޫސު ކޮށްދިނުމަކީ ސީދާ މާތް ﷲ އާ ހަނގުރާމަކުރުންކަމަށް ވެފައި އަދި ދުޝްމިނުންނާ ގުޅިގެން ޖާސޫސީ މަސައްކަތްކޮށް ބިމުގައި ފަސާދަ އުފެއްދުމުގެ ކުށުގައެވެ.
އެއާއެކު އިސްރާއީލުން ރުޅިގަދަވެ މޮސާޑާ ގުޅުން ބަދަހިކުރުމަކީ އެމީހުން މަރަންޖެހޭ ސަބަބެއްނޫންކަމަށް ވަނީ ބުނެފައެވެ.
ދުނިޔެއިން ދެވަނައަށް އެންމެ ގިނައިން މީހުން ދަންޖައްސަނީ އިރާނުންކަމަށް ބުނެ އިސްރާއީލުގެ ޣައިރު ގާނޫނީ ބައިގަނޑު ކޮންޓްރޯލްކުރާ ޓީވީ ސްޓޭޝަންތަކުން ހަބަރުފަތުރަމުންދާއިރު އިރާނުން ދަންޖައްސާ މީހުންގެ ކުށްތަކުގެ ހެކި އާންމުކޮށް ހާމަނުކުރާކަމަށް ބުނެ އިރާނަކީ ލާއިންސާނީ އަނިތައް ދެމުންދާ ބައެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ. ޔަހޫދީން ބުނާގޮތުން ކުށަކާ ނުލައި އެންމެ ގިނައިން މީހުން ދަންޖައްސަނީ ޗައިނާއިންނެވެ. ދެވަނައިގައި އުޅެނީ އިރާނެވެ. ނަމަވެސް އެއްވެސް ހެއްކެތްނެތި މިފަދަ ވާހަކަތައް ޔަހޫދީން މިދަނޑިވަޅުގައި ދައްކަމުން އަންނަނީ މޮސާޑަށް ޖާސޫސުކޮށްދިން މުނާފިގުންތައް އިރާނުން މަރަމުން އަންނާތީއެވެ.
އިރާނުގެ ޝަރުއީ ދާއިރާގެ އިސްވެރިޔާ ޣުލާމް ހުސައިން މުހުސިނީ ވަނީ ޖާސޫސުކުރާ މީހުން ވީ އެންމެ އަވަހަށް ދަންޖައްސާ މެރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ. އަދި އިރާނުގެ ބިމުގައި މިފަދަ ހިޔާނާތްތެރިންނަށް ޖާގަނުދޭނެކަމަށް މުހުސިނީ ވަނީ ވިދާޅުވެފައެވެ.
އިތުރު ލިޔުންތައް

އިސްރާއީލުގެހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސެއިން ސަލާމީ ނިޔާވެއްޖެ
20 ދުވަސް ކުރިން
އިރާނުގެ ޙަމަލާތަކާއި ގުޅިގެން އިސްރާޢީލަށް ބޮޑެތި ގެއްލުންތަކެއް، ސިއްރުކުރަން އިންޓަނެޓް ކަނޑާލައިފި
19 ދުވަސް ކުރިން
ދުނިޔެ ސިއްސުވާލައިފި، އީރާން ދެނެއް ނުހުއްޓުވޭނެ
19 ދުވަސް ކުރިން