ޓްރަމްޕް ރުޅިގަދަވެ ޔަހޫދީންނަށް އިންޒާރެއް: "އީރާނަށް އެއްވެސް ހަމަލާއެއް ދީގެން ނުވާނެ"
24 ޖޫން 2025 - 11:49

ޙަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން އަމަލުކޮށްފައިނުވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ.
ފާއިތުވި ބާރަ ދުވަހު އީރާނާއި ޔަހޫދީން ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަން އިޢުލާން ކުރީ ޓްރަމްޕެވެ. ނަމަވެސް އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން ޔަހޫދީންގެ ޙަމަލާއެއް އީރާނަށް ދީފައިވާތީ ޓްރަމްޕް ވަނީ އެކަން އެގޮތަށް ނުކުރުމަށް ގޮވާލާފައެވެ.

Ad by Hajj Corporation
އިސްރާއީލާއި އީރާންއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ރުހުންދީ، ހަމަލާތައް ހުއްޓާލިކަން އެ ޤައުމުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އީރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޒަޔަނިސްޓު ދުޝްމަނުންނާއި އަނިޔާވެރި އެކުވެރިންނަށް ދެމުން އަންނަ ހަމަލާތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.
އީރާނުން މިކަން އިއުލާން ކުރުމުގެ ކުރިން އިސްރާއީލަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކެއްގައި ބަޔަކު މަރާލާފައިވެއެވެ. އިސްރާއީލުން ބުނެފައިވަނީ އޭގެ ފަހުން ވެސް އީރާނުން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި އީރާނަށް އޭގެ ރައްދު ހަމަލާ ދޭނެ ކަމަށެވެ.
އިސްރާއީލުން މި މަހުގެ 13 ވަނަ ދުވަހު އީރާނަށް ދިން ކުއްލި ހަމަލާގައި އީރާންގެ އަސްކަރިއްޔާގެ ވެރިންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ. އަދި އީރާންގެ ނިއުކްލިއާ ފެސިލިޓީތަކާއި އަސްކަރީ މަރުކަޒުތަކަށް ވެސް އިސްރާއީލުން ބޮން އެޅިއެވެ.
ރައްދުގައި އީރާނުން ވަނީ އިސްރާއީލްގެ ވެރިރަށް ތެލް އަވީވަށާއި އެހެނިހެން ސަރަހައްދުތަކަށް ހަމަލާތައްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.


