logoEN
ކުޅިވަރު

ނިއު އާއި ވިކްޓްރީއަށް މެންބަރުކަންދީފައި އެފްއޭއެމްގެ އަސާސީ ޤަވާއިދު ފާސްކޮށްފި

އިއްޔެ ބޭއްވުނު އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އިއްޔެ ބޭއްވުނު އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

28 ޖޫން 2025 - 07:10

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސް، މިއަދު ބޭއްވި އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި މެމްބަރު ކްލަބްތަކުގެ އިއްތިފާގުން ފާސްކޮށްފިއެވެ. މި ބަދަލާއެކު، ހަ އަހަރަށްފަހު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް އެފްއޭއެމްގެ ފުލް މެމްބަރުކަން ލިބިގެން ގޮސްފިއެވެ.

ހެންވޭރު މީރުމާ ހޮޓެލްގައި މިއަދު ހަވީރު ބޭއްވުނު ކޮންގްރެސްގައި، އަސާސީ ގަވާއިދުގައި ބުނާ ވޯޓު ދެވޭ 23 ކްލަބުގެ ތެރެއިން 21 ކްލަބެއްގެ މަންދޫބުން ބައިވެރިވިއެވެ. ކޮންގްރެސްގައި ބައިވެރިނުވި ދެ ކްލަބަކީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީއެވެ. މި ދެ ކްލަބުން ވަނީ މީގެ ކުރިން އެފްއޭއެމްއިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ވެސް ބޮއިކޮޓްކޮށްފައެވެ.

އެފްއޭއެމްއިން ބުނެފައިވާ ގޮތުގައި، އިސްލާހު ކުރެވުނު ހިންގާ ގަވާއިދަކީ ފީފާ އާއި އޭއެފްސީގެ ލަފަޔާއެކު ގެނެވުނު މުހިންމު ބަދަލުތަކެކެވެ. މި ބަދަލުތަކުގެ ތެރޭގައި، ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގައި މިހާރު ވާދަކުރަމުން އަންނަ ކްލަބްތަކަކީ އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.

ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި 2019 ޖެނުއަރީ މަހު ނިއު ސަސްޕެންޑް ކުރެވުނު އިރު، ވިކްޓަރީ ސަސްޕެންޑް ކުރެވުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުސާރައިގެ މައްސަލަ އާއި އިދާރީ ކަންކަމުގެ މައްސަލަތަކާ ގުޅިގެންނެވެ. ދެ ކްލަބްގެ ސަސްޕެންޝަން އުވާލެވުނީ މީގެ ދެ އަހަރު ކުރިންނެވެ.

މިއަދުގެ ބަދަލާއެކު، ފުރަތަމަ ޑިވިޝަން އޮންނާނީ 10 ކްލަބްގެ މެދުގައެވެ. އަދި ދެވަނަ ޑިވިޝަނުގައި 13 ކްލަބް ހިމެނޭނެއެވެ. ވިކްޓަރީ މިހާރު ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފައިވާއިރު، ނިއު އަދިވެސް ވާދަކުރަމުންދަނީ ދެވަނަ ޑިވިޝަނުގައެވެ.އަސާސީ ޤަވާއިދު އަލުން ފާސްކުރުމާއެކު ޖުލައިމަހުގެ 26 ވަނަ ދުވަހުގައި އެފްއޭއެމްގެ އިންތިޚާބް ބާއްވާނެއެވެ.

ކޮމެންޓް

871x217_placeholder