logoEN
ޚަބަރު

5 އަތޮޅަކުން 31 ޕްރޮޖެކްޓް ހަލާލު ޓޫރިޒަމަށް ހުޅުވާލަނީ

އާމިނަތު ސަފާއާމިނަތު ސަފާ

29 ޖޫން 2025 - 11:46

5 އަތޮޅަކުން 31 ޕްރޮޖެކްޓް ހަލާލު ޓޫރިޒަމަށް ހުޅުވާލަން ނިންމައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ހއ، ހދ، ށ، ތ އަދި ލ އަތޮޅުން 31 ޕްރޮޖެކްޓް އޯޕަން ބިޑިންގ، ކްލޯޒް ބިޑިންގ އަދި ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް ހުޅުވާލެވިގެން ދާނެކަމަށެވެ.

މިގޮތުން މިއިން ކޮންމެ އަތޮޅަކުން ހަލާލް ޓޫރިޒަމް ގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅިފައިވެއެވެ.

އަދި ކޮލޯޒް ބިޑިންގ ގެ ދަށުން ހއ އަތޮޅުން 2 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ތ އަތޮޅުން 3 ޕްރޮޖެކްޓް، ލ އަތޮޅުން 2 ޕްރޮޖެކްޓް ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.

އޯޕަން ބިޑިންގ ގެ ދަށުން ހއ އަތޮޅުން 3 ޕްރޮޖެކްޓް، ހދ އަތޮޅުން 5 ޕްރޮޖެކްޓް، ށ އަތޮޅުން 3 ޕްރޮޖެކްޓް ތ އަތޮޅުން 2 ޕްރޮޖެކްޓް އަދި ލ އަތޮޅުން 1 ޕްރޮޖެކްޓް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ފަަތުރުވެރިކަން ތަރައްޤީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ނިންމި މި ނިންމެވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދޮރެއް ހުޅުވިގެންދާނެއެވެ.

"ހަލާލް ޓޫރިޒަމް" ގެ ކޮންސެޕްޓަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ހިތްވަރު ދިނުމަށް އިތުރު ލުއިތަކެއް ދެއްވުމަށްވެސް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިގޮތުން ލިބިގެންދާނެ ލުއިތަކުގެ ތެރޭގައި:

○ ލީސް އެކުއިޒިޝަން ކޮސްޓް އިތުރު 20 އިންސައްތަ ދަށްކުރުން.

○ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނޭ މަގު ފަހިކުރުން. މި ގޮތުން، ރިޒޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުން

○ ރިޒޯޓް ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް) ގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މައާފްކޮށްދިނުން.

މީގެ އިތުރުން، ރިޒޯޓެއް ތަރައްޤީކުރުމަށް ގެންނަ ތަކެއްޗަށް (ކެޕިޓަލް އިންވެސްޓްމަންޓް) 20 އިންސައްތަ އާ ހަމައަށް ޑިއުޓީ މައާފްކޮށްދިނުން. އަދި ތަންތަން ތަރައްގީ ކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މާފުދޭ ކެޓެގަރީއަށް އިތުރުކުރުން ހިމެނެއެވެ.

މި ލުއިތަކުގެ ސަބަބުން މުސްލިމުންނާ ރައްޓެހި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިތުރަށް ތަރައްޤީވެ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެއެވެ. އަދި މި ފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވެގެންދާނެއެވެ.

ކޮމެންޓް

871x217_placeholder