ތިލަމާލެ ބުރިޖުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި
1 ޖުލައި 2025 - 03:50

މާލެ، ވިލިމާލެ، ގުޅުފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބުރިޖުގެ އެންމެ އުނދަގޫ މަސައްކަތްކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ބްރިޖުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރައްވަމުން އިމާރާތްކުރުމާ ބިނާރަ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް ވިދާޅުވީ ބުރިޖަށް ބޭނުންވާ 263 ޕައިލް އެއްގަމާއި ކަނޑުގެ 68 ތަނެއްގައި ޖަހައި ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation
ޕައިލްކުރުމުގެ މަސައްކަތް ނިމުމާއެކު މުޅި މަޝްރޫއުގެ 60.84 އިންސައްތަ މަސައްކަތް ނިންމުނީކަމަށް ވަޒީރު ވިދާޅުވިއެވެ.
މުޅި މަޝްރޫޢު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހަށެވެ.މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށް 5 އަހަރުގެ ތެރޭގައި ނިންމަން ތާވަލުކުރިނަމަވެސް އެ ސަރުކާރު ނިމިގެން ދިޔައިރުވެސް މަސައްކަތް ނިިމިފައެއްނުވެއެވެ.
ބުރިޖުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގައިގަތީ މި ސަރުކާރު އައި ފަހުންނެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.


