ރާއްޖޭގެ އެންމެ ފުރަތަމަ "އެސްއީޒެޑް" އަކަށް "ޕްރޮޖެކްޓް ސޯލާ ސިޓީ"
.jpg&w=96&q=75)
1 ޖުލައި 2025 - 16:55

ޕްރޮޖެކްޓް ސޯލާ ސިޓީ" އަކީ ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނު ނުވަތަ "އެސްއީޒެޑް" ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި، "ޕްރޮޖެކްޓް ސޯލާ ސިޓީ" ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށް ޓަކައި އޭޕީއެމް. އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި "ޕްރޮޖެކްޓް ސޯލާ ސިޓީ" ތަރައްގީ ކުރެވޭއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:
1. 100 މެގަވޯޓް ގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން.
2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމްއައިސީއީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުން.
3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން
4. ރިއަލް އެސްޓޭޓް ތަރައްޤީކުރުން
މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ވެސް ޝާއިއުކޮށްފައެވެ..
ރާއްޖޭގައި ޤާއިމުކުރާ އެސްއީޒެޑްއެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެަފަދަ ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ޤާނޫނު ނަންބަރު 2014/24 ނުަވަތަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން 12 ޖަނަވަރީ 2025 ގައި ޝާއިޢުކުރީ ރައީސުލްޖުމްހޫރިއްޔާގެ، 1/2025 ވަނަ ޤަރާރުންނެވެ.