ޔުވެންޓަސް ބަލިކޮށް ރިއަލް މެޑްރިޑް ކްލަބް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް
2 ޖުލައި 2025 - 03:28

ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ގައި ރިއަލް މެޑްރިޑުން ވަނީ ޖުވެންޓަސް 1-0 އިން ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭގައި މައިއާމީ ގާޑެންސްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރެއާލް ގެ އެކަދެމީ ކުޅުންތެރިޔާ ގޮންޒާލޯ ގާސިއާއެވެ.
މިއީ މި މުބާރާތުގައި ގާސިއާގެ ތިންވަނަ ލަނޑެވެ. މެޗު ފެށިގެން މެޗުގެ ބޮޑުބައެއް ކޮންޓްރޯލް ކުރަމުން އައި ރެއާލް މެޑްރިޑުން ވަނީ ފުރަތަމަ ހާފުގައިވެސް ޔުވެންޓަސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ގާސިޔާގެ ލަނޑު އޭނާ ޖެހީ ދެވަނަ ހާފުގެ 54 ވަނަ މިނެޓްގައެވެ. ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑްގެ ރީތި ހުރަހަކުން ގާސިއާ ވަނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ޔުވެންޓަސްގެ ކީޕަރު ފޫއަޅުވާލުމަށްފަހު ބޮލުން ގޯލުޖަހާފައެވެ.

Ad by Hajj Corporation
މި ގޯލާއެކު ގާސިޔާ ވަނީ މުބާރާތުގެ ދެވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓަށް އަރާފައެވެ. ގާސިޔާ ވަނީ މިހާތަނަށް 3 ގޯލުޖަހާފައެވެ.
މި މެޗުގައި ފާހަގަކޮށްލެވުނު އެއް ކަމަކީ ބަލީގެ ސަބަބުން މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތަކުގައި ނުކުޅެވުނު އެމްބާޕޭ 68 ވަނަ މިނެޓްގައި މެޗަށް ނެރުމެވެ. އެމްބާޕޭ މެޗަށް ނެރުނީ ލަނޑު ޖެހި ގާސިއާގެ ބަދަލުގައެވެ.
މެޗުގައި ޖުވެންޓަސްގެ ގޯލްކީޕަރު ޑި ގްރެގޯރިއޯ ވަނީ ރެއާލް ގެ 10 ޝޮޓެއް ހުއްޓުވައި މޮޅުކުޅުމެއް ކުޅެފައެވެ.
މި މެޗުން މޮޅުވުމާއެކު ރިއަލް މެޑްރިޑް ވަނީ ކުއާޓަރ ފައިނަލްގައި ބޮރޫސިއާ ޑޯޓްމަންޑާ ކުރިމަތިލާން ޖެހިފައެވެ. އެ މެޗު ކުޅޭނީ އީސްޓް ރަދަރފޯޑްގައި މި ހޮނިހިރު ދުވަހުއެވެ. ޑޯޓްމަންޑް ކުއާޓަރ ފައިނަލަށް ދިޔައީ މޮންޓެރޭ 2-1 އިން ބަލިކޮށްގެންނެވެ. މިއާއެކު ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ވާދަކުރާނެ ޓީމުތަށް މިހާރުވަނީ ޔަޤީންވެފައެވެ.
ވޯލްޑްކަޕްގެ ބްރެކެޓް ބެހިފައިވާގޮތް