ޕީޖީ ކަމުން ޝަމީމު ވަކިކުރާ މައްސަލަ މިރޭ، އެއަށް ފަހު މަޖިލިސް ޗުއްޓީއަށް
ރައްޔިތުންގެ މަޖިލިސް --- ފޮޓޯ/ މަޖިލިސް
22 އޯގަސްޓު 2024 - 09:12
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމި ނިންމުމާ މެދު ގޮތެއް ނިންމުމަށް، މަޖިލީހުގެ ޙާއްސަ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
މިއަދު ހެނދުނު އޮތް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ޕީޖީ ޝަމީމަށް ދިނުމަށް ފަހު، އެ މަގާމުން އޭނާ ވަކިކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އެއާއެކު، މިއަދު އޮތް މަޖިލީހުގެ މި ދައުރުގެ 32 ވަނަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ، މަޖިލީހުގެ ޙާއްސަ ޖަލްސާއެއް މިރޭ އޮންނާނެ ކަން އިއުލާންކުރައްވާފައެވެ.
މިރޭ އޮތް ޖަލްސާގެ އެޖެންޑާއެއް އަދި ހާމަކޮށްފައެއް ނުވި ނަމަވެސް، މިރޭގެ ޖަލްސާގައި އޮތީ ޕީޖީ ކަމުން ޝަމީމް ވަކިކުރުމަށް ވޯޓަށް އެހުންކަން ވަނީ ކަށަވަރުކުރެވިފައެވެ.
ޕީޖީގެ މަގާމުން ވަކިކުރުމަށް އެދި މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝާހިދުއެވެ. އެގޮތުން މެންބަރު ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި:
- ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ ކުރުމުގެ ދައުރާ އަނބުރާ ގެންނަން ނިންމުމުގެ ސަބަބުގެ ތަފްސީލް
- ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ އަނބުރާ ގެންނަން ނިންމި ނިންމުމުގެ ތަފްސީލް
- ވެންޓިލޭޓަރު މައްސަލާގައި ތުހުމަތު ކުރެވޭ މީހުނަށް ދައުވާ ނުކުރަން ނިންމި ނިންމުމުގެ ތަފްސީލް
- ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
- ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް އަމާޒުވި ތުހުމަތުތަކާއެކު ވެސް، އެ މައްސަލަތައް ބަލަން ދެކޮޅުހެދުން
މިރޭގެ ޖަލްސާއަށް ފަހު، މި ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ދާނެއެވެ. މި މަހުގެ 15 ގައި ދައުރު ނިމޭނެ ކަމަށް ކުރިން އޮތް ނަމަވެސް، މަޖިލީހުގެ މުހިންމު މަސައްކަތްތަކެއް ނުނިމި ހުރުމާއެކު މި މަހުގެ 26ގެ ނިޔަލަށް މި ދައުރު ދިގުދަންމާލަން މަޖިލީހުން ނިންމިއެވެ.