logoEN
ރިޕޯޓް

މިސާލު ދައްކަންވީ މީހުން ދުރޫސުލްއަޚްލާޤުގައި ހިފެހެއްޓުން

މުހައްމަދު މޫސާމުހައްމަދު މޫސާ

20 ސެޕްޓެމްބަރު 2024 - 05:00

ވީދި ވިއްސިވިހާލިވެފައިވާ ދިވެހި މުޖުތަމައުގެ އިޖުތިމާއީ ފޭރާން އިއާދުކުރުމުގެ އެންމެ ބޮޑު ފަރުވާއަކީ ޤައުމިއްޔަތަށް ލޯބިޖައްސައި، ޤައުމިއްޔަތުގެ ކުލުނު މުޅި މުޖުތަމައުގައި ލާވަށާލުމެވެ. ދިވެހިރާއްޖެއަށް ނުރަނގަޅުކަންކަމުގެ އިޖުތިމާއީ ބަލިމަޑުކަން ލައިގަތީއްސުރެ 17 ނޮވެމްބަރު 2023 އާއި ހަމައަށް އައި ވެރީންނަށް ރަނގަޅު ޤައުމިއްޔަތެއް ބިނާކުރުމަށް އޮތީ އިސްކަން ނުދެވިއެވެ. އެއީ އިތުރު ބަހުސެއް ކުރުމަށްވުރެ ފާޅުކަން ބޮޑު ޙަޤީޤަތެކެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ހިނގަމުންދާ ވެރިކަމުގެ އެންމެ އިސް ޝިއާރަކީ ޤައުމިއްޔަތެވެ. އެ ޝިއާރުގެ ދަށުން ހެޔޮ ޤައުމިއްޔަތެއްގެ ބިންގާ އަޅައި، ހެޔޮ ޖީލެއް ހޭހަންކޮށް، މިވެރިކަމުގައި އިންދަމުންދާ ޤައުމީ އޮއްތަކުން ފަޅާ ގަސްތަކުން މުޅި ދިވެހި މުޖުތަމަޢުއަށް ހިޔާލިއްބައިދޭނެކަމުގެ ކޮޅުމަތި އެބަފެނެއެވެ. މި ޤައުމިއްޔަތުގެ މައިގަނޑު އަސާސް ގުޅިގެންދަނީ ދުރޫސުލް އަޚްލާޤާކަމުން، އެ އަޚްލާޤްގެ މަތީ މުޖުތަމައު ފައްކާކުރުމަކީ މި ޤައުމުދެކެ ލޯބިވާ، މި ޤައުމަށް ކުލުނުހުރި، މި ޤައުމުގެ ކޮންމެ ދަރިއެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ކަށަވަރެވެ.

އެހެންމަވެސް ހިތާމައަކީ ދުރޫސުލްއަޚްލާޤުން ފުރަތަމަ މިސާލުދައްކާންވީ ބައެއް ފަރާތްތަކަށް އެނކަން އެގޮތަށް ނުކުރެވުމެވެ. މާޒީގައި އަދާކުރެވުނު މަޤާމާއި، އެ މަޤާމުގެ ދަރަޖައިގެ މަތީން ހަނދާންނެތި، އެތައް ބަޔަކު ތިމާގެ އުޅުމާއި، ދައްކާވާހަކައިން މިސާލުނަގާނެ ފަދަ މަޤާމުތައް ފުރި ބައެއް ބޭފުޅުން ''ގެއްލުނު އެއްޗެއްގެ އަވާމެންދުރުގައި'' އަޚްލާޤީ ރޮނގުން ބޭރުވެ ދާދިޔުމެވެ. ކަމެއް އިސްލާޙްކުރާން އެދޭނަމަ، ތަނެއް އިސްލާޙްކުރުމުގެ ހެޔޮ ނިޔަތް އޮތްނަމަ، ޤައުމުގެ ދަރީންގެ ދަރީންނަށް ކުލުނެއް ހުރިނަމަ ތިމާއަކީ ދުރޫސުލްއަޚްލާޤްގެ ވެރިއަކަށްވެ، އަނެކުންނަށް މިސާލު ދެއްކުމަށް ގަދައަޅާ މަސައްކަތްކުރާންޖެހެއެވެ.

ދިވެހި ހަރުބަހެއްގައި ''މައިސޯބު އެނބުރޭ ގޮތަށް ކުދިސޯބުތައް އެނބުރޭނެކަމަށް'' ބުނާ ބުނުމަކީ ޙަޤީޤީ ބުނުމެކެވެ. އެ ބުނަނީ ކުޑަކުދީން އުޅޭނީ ބޮޑެތި މީހުން އުޅޭ ގޮތަށް ކަމަށެވެ. ދަށުގައި ތިބޭ މީހުން އުޅޭނީ ވެރިން އުޅޭ ގޮތަށް ކަމަށެވެ. މި ބަހުގެ މައްޗަށް ނަޒަރުކުރާއިރު މިއަދުގެ ވަލިއްޔުލް އަމްރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފެންނަނީ މިސާލު ދައްކަވާތަނެވެ. ގަޑިއަށް ނަމާދަށް ވަޑައިގަތުމާއި، ވާހަކަފުޅު ދައްކަވާއިރު މަޑުމައިތިރިކަމާއި، ހިތްތިރިކަން އިސްކުޅައުންފަދަ ރިވެރި ސިފަތަކަކީ ރައީސްކަމަށް ވަޑައިގަތުމުގެ ކުރީންސުރެ އެމަނިކުފާނު ދައްކަވާ މިސާލުތަކެވެ. އެހެންނަމަވެސް ރާއްޖޭގެ ވަލިޔުލް އަމްރުކަމުގެ މަގާމު ފުރުއްވި ބޭފުޅަކު ދުރޫސުލްއަޚްލާޤުގެ އިމުން ބޭރުވެ މައިކެއް ހިއްޕަވައިގެން ކޮންމެ ރެޔަކުހެން އިންނަވައި މީހުންނަށް މަލާމަތްކުރަށްވައި، ނެތިނުބައި މޮށި ހައްދަވާނަމަ ބޮޑުސޯބަކަށް ވަރަށް ނުރަނގަޅު މިސާލެއް އެބަދެއްކެވެއެވެ.

މިސާލުދައްކާންޖެހޭ މިފަދަ ބޭބޭފުޅުންނާއި ޖުމްލަގޮތެއްގައި ކޮންމެ ފަރުދަކުވެސް ހަނދާން ބަހައްޓަންވީ ކަމަކީ ދުރޫސުލްއަޚްލާޤްމަތީ ދެމި ތިބުމަށް ދޫރައްކާތެރިކުރުމަކީ އިސްލާމީ ރޫޙާއެއްގޮތަށް ކޮންމެހެންވެސް ކުރާންޖެހޭކަމެއް ކަމަށެވެ. ރިވެތި އަޚްލާޤްގައި ހިފެހެއްޓުމަށްޓަކައި އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން ޣީބަބުނުމާއި، ހަޑިހުތުރުބަސްތަކުން ދޫ ރަށްކާތެރިކުރާންޖެހެއެވެ. ހަނދާންކުރާންވީ ކަމަކީ އިންސާނާގެ ދުލުން ބޭރުވާ ކޮންމެ ލަފްޒަކަށް އޭނާ މަސްއޫލުވާން ޖެހޭނެކަމެވެ. އެހެނީ އެބަސްތައް ވެގެން ވަނީ ގަދަކީރިތިވަންތަ މާތް الله سبحانه وتعالى ގެ ހަޟުރަތުގައި ލިޔެވި އޭގެމައްޗަށް އިންސާނާ ހިސާބުކުރެވޭނޭ ބަސްތަކެއް ކަމުގައި ކަމަށްވާތީއެވެ. މާތްﷲ ވަޙީ ކުރަށްވާފައިވެއެވެ. مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ސޫރަތުލް ޤާފް ގެ 18 ވަނަ އާޔަތް) މާނައީ: (ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.''

ދުލަކީ އެހެން ގުނަވަންތަކެކޭ އެއްފަދައިން އެއާއިމެދު މަސްއޫލުވާންޖެހޭ ހަށިގަނޑުގެ މުހިންމު އެއް ގުނަވަނެވެ. އަހަރެމެންނަށް އަމުރުވެރިވެވިގެން ވަނީ އެ ގުނަވަނާއި ދޭތެރޭ ފާރަވެރިވެ ރައްކައުތެރިވުމަށެވެ. މާތް الله سبحانه وتعالى ގެ ވަޙީ ބަސްފުޅުގައި ވެއެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا (ސޫރަތުލް އިސްރާ 36 ވަނަ އާޔަތް) މާނައީ: ''އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުއާލު ކުރައްވާނެ ކަމެއްކަމުގައިވިއެވެ.'' މިއާޔަތުގައި އަމުރުކުރެވިފައިވާ އެއް ކަމަކީ ތިމާ އެކަމެއްގައި އެނގުމެއްނުވާ، ކަންކަމުގައި ވާހަކަދައްކައި އެއަށް ތަބާނުވުމެވެ.

އެހެންކަމުން ޒިންމާދާރު ކޮންމެ މީހަކުމެ އެމީހާގެ ދުލުގެ ނުބައިކަމުން އަނެކާ ސަލާމަތްކުރާންޖެހެއެވެ. ތިމާގެ ދުލަކީ މީހުންނަށް މަލާމަތްކޮށް، މުޖުތަމައު ފަސާދަކުރާން އޮތް ހަތިޔާރެއްނޫންކަން ދަންނާންޖެހެއެވެ. ތިމާގެ އަގު، ތިމާގެ ޝަރަފު، އެހެންމީހުންގެ ކުރިމަތީގައި އުފުލިދިޔުމާއި، އެ ގޮތުގައި ދެމެހެއްޓުމަށް ރިވެތި އަޚްލާޤްގެ ދައުރަށް ވިސްނުން ހިންގައިލާށެވެ. ތިބާއަކީ ރަނގަޅު މީހެއްތޯ ނޫނީ ގޯސްމީހެއްތޯ ކަނޑައެޅުމުގެ މިންޑަނޑު ބިނާވެގެން ދާނީ ތިބާގެ މުޢާމަލާތްތަކާއި، ތިބާ ދައްކާ ސުލޫކެވެ. މިއުންމަތިގެ މާތް ނަބިއްޔާ، رسول الله صلى الله عليه وسلم ގެ ދީޘްފުޅެއްގެ މާނާގައި ވެއެވެ. '' ޤިޔާމަތްދުވަހު، ތިޔަބައި މީހުންގެ ތެރެއިން ތިމަންކަލޭފާނާއި އެންމެ އަރިހުގައިވާނީ، ތިޔަބައި މީހުންގެ ތެރެއިން، އެންމެ ޚުލްޤް ރިވެތި މީހާއެވެ''

މީހުންނަށް މަލާމާތްކޮށް، ނެތިނުބައިމޮށި، އާޑަފުރައްސާރަކުރާން ހިތްވަރުދޭ މީހަކަށް، އެ ގޯސް އާދައިން މިސާލުދައްކާ މީހަކަށްވާނަމަ އަނެކުންގެ ކުރިމަތީ އެ މޮޑެވިގެން ދަނީ ތިމާގެ ނަފްސުގެ އަގެވެ. ތިމާއަށް ވެސް ތިމާގެ ދަރީންނާއި، އެމީހުންގެ ދަރީންގެ ދަރީންގެ ދަރީންނަށް ވެސް މިފަސްގަނޑުން އުފަލާއި، އަމާންކަމާއި، އާރޯކަން ލިބެން އޮތީ ދުރޫސުލްއަޚްލާގަކުން ޒީނަތްތެރިވެފައިވާ ޤައުމިއްޔަތެއް ބިނާވެގެންނެވެ. އެހެންކަމުން މިއަދު މި ޤައުމުގައި ޤައުމިއްޔަތުގެ ދަންމަރު އަލިކޮށް، ރޫޙު ދިރުވަން ކުރެވެމުންދާ ބުރަމަސައްކަތުގެ ތެރެއިން މިސާލު ދައްކާން ހުރި އެކަކުވެސް މި ނަސޭހަތް ދޫނުކޮށްލުމަކީ ޤައުމުގެ ދުލުން ގޮވާނެ ގޮވުމެއްކަން ކަށަވަރެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder