މާލީ ހާލަތު ގޯސްވީ ކުރީ ސަރުކާރުގެ ހަތަރު އަހަރު އަމަލުކުރި ގޮތުން: އެމްއެމްޕީއާރްސީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި ޗެއާޕާސަން އަބްދުﷲ ގިޔާސް// ކުރީ ސަރުކާރުން ވަނީ ކުންފުންޏަށް ބޮޑު ގެއްލުމެއްދީފައިކަމަށް އެ ކުންފުނިން ބުނޭ//

03 ޖުލައި 2025 - 10:48
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މާލީ ހާލަތު ގޯސްވީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އެމްޑީޕީ ސަރުކާރުގެ ފަހު 4 އަހަރުގެ ތެރޭގައި އަމަލުކުރިގޮތުންކަމަށް އެކުންފުނިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ރިޕޯޓެއްގައި އެ ކުންފުނީގެ މާލީ ހާލަތާއި ކުންފުންޏަށް ދިމާވެފައިވާ ގެއްލުމާ ގުޅޭގޮތުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެކަމާ ގުޅިގެން އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީ ސަރުކާރުގެ ފަހު 4 އަހަރު ގެއްލުންވެފައިވާއިރު ޖުމްލަ ގެއްލުމުގެ އަގު 203 މިލިއަން ރުފިޔާއަށް ވުރެ އިތުރުކަމަށެވެ.
އަހަރުން އަހަރަށް ގެއްލުންވަމުން އައިގޮތް:
2020: - 1,624,866 ރުފިޔާގެ ގެއްލުން
2021: - 141,977,908 ރުފިޔާގެ ގެއްލުން
2022: - 42,290,590 ރުފިޔާގެ ގެއްލުން
2023: - 17,997,662 ރުފިޔާގެ ގެއްލުން
އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަަމަކީ މިދިޔަ 6 އަހަރުގެ މާލީ ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ކަންކަންކަމަށާއި އެހެން ނަމަވެސް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން އިސްލާހުކޮށް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށް އެމްއެމްޕީއާރްސީންގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މިކުރެވުނު މަސައްކަތުގެ ތެރެއިން ހަރަދުތަކުން 10 އިންސައްތަ ކުޑަކުރެވި އަދި ޕީއާރް އެޖެސީތަކުގެ އަދަދު 21 އިން 6 މަދުކުރެވި ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާކަން އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ.
އަދި ކުރިން ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ކުރަމުން އައި ހަރަދު ބަޖެޓުގެ 80 އިންސައްތައިން 34 އިންސައްތައަށް ކުޑަކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.
އެއާއެކު މިއަހަރުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކާމިޔާބު ކެމްޕެއިންތަކެއް ހިންގާފައިވާކަމަށާއި މި ކެމްޕެއިންތަކުގެ ސަބަބުން އަވަށްޓެރި އިންޑިއާގެ މާކެޓުން 4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެ އެވެ.
އެމްއެމްޕީއާރްސީން ބުނީ ކުންފުނީގެ އަމާޒަކީ ލިވަޕޫލް އެފްސީއާއެކު ތާރީހީ ބައިނަލްއަގްވާމީ ކެމްޕެއިނެއް ފެށުމަށްކަމަށެވެ.
އިނގިރޭސި ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސައި، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކެމްޕޭނެއް ވަނީ ފަށާފަ އެވެ.
އެމްއެމްޕީއާރްސީއަށް މިދިޔަ އަހަރު ވަނީ 28 މިލިއަން ރުފިޔާ ގެއްލުން ވެފަ އެވެ. އެ ކުންފުނީގެ ޖުމްލަ އެކުމިއުލޭޓެޑް ގެއްލުން 213 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ. އެމްއެމްޕީއާރުސީން 2020 ވަނަ އަހަރު ކޮވިޑާ ގުޅިގެން ކުރިމަތިވަތި ހާލަތުން އަރައިގަތުމަށް އެމްޕީއެލް މެދުވެރިކޮށް 4.6 އިންސައްތަ އިންޓްރެސްޓް ރޭޓުގައި 86 މިލިއަން ރުފިޔާގެ ލޯނެއް ނެގި ނަމަވެސް އެއްބަސްވި ގޮތަށް ފައިސާ ދައްކާފައެއް ނުވެއެވެ. 15 އަހަރުން ދައްކާ ގޮތަށް ނެގި އެ ލޯނަށް 2022 ވަނަ އަހަރުގެ ދެ ވަނަ ކުއާޓާއިން ފެށިގެން ފައިސާ ދައްކާފައެއް ނުވާކަން ވަނީ ހާމަވެފައެވެ.
އިތުރު ލިޔުންތައް

މިއަހަރުގެ ޓޫރިޒަމް ސިމްޕޯޒިއަމް ފަށައިފި
9 މަސް ކުރިން
އަޒަރުބައިޖާނާއި ޖޯޖިއާގައި ރާއްޖެ އިޝްތިހާރުކުރަން ތައްޔާރުވެއްޖެ
7 މަސް ކުރިން
އަރަބި އިސްލާމީ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އަންނަ އަހަރު ރޯޑްޝޯއެއް ބާއްވަނީ
7 މަސް ކުރިން