4 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެމްއެމްޕީއާރްސީއަށް ފައިދާވެއްޖެ
15 ޖުލައި 2025 - 06:37

4 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން - އެމްއެމްޕީއާރްސީ އަށް ފައިދާވިކަން އިއުލާނުކޮށްފިއެވެ.
އެމްއެމްޕީއާރްސީގެ އަހަރީ އާއްމު ޖަލްްސާ ބާއްވާފައިވާއިރު 2024 ވަނަ އަހަރުގެ މާލީ ތަފާސްހިސާބުތަކަށް ބަލާއިރު އެމް.އެމް.ޕީ.އާރު.ސީ. އިން ވަނީ 27.4 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދާފައެވެ. މިއީ 4 އަހަރުގެ ތެރޭގައި އެ ކޯޕަރޭޝަނުން ފައިދާއެއް ހޯދި ފުރަތަމަ ފަހަރެވެ. 2023 ވަނަ އަހަރު 17.9 ރުފިޔާގެ ގެއްލުމެއް ރިކޯޑުކުރެވިފައިވާއިރު ފުރަތަމަ ފަހަރަށް ލިބިގެން މިދިޔަ ފައިދާއަކީ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޓޫރިޒަމް ދާއިރާއިން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތަށް ކޯޕަރޭޝަންގެ މަސައްކަތްތައް ބައްޓަންކުރުމުގެ ނަތީޖާކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.
ދިޔަ އަހަރު ތެރޭގައި އެމް.އެމް.ޕީ.އާރު.ސީ. އިން ވަނީ މާލީ ހަމަޖެހުން އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޮޕަރޭޝަނަލް ހަރަދުތައް ވަނީ 10 އިންސައްތައަށްވުރެ ބޮޑުތަނުން ކުޑަކޮށްފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޕަބްލިކް ރިލޭޝަންސް އޭޖެންސީތަކުގެ މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު، ކުރިން 21 އޭޖެންސީއާ އެކު ކުރިޔަށް ގެންދިޔަ މަސައްކަތްތައް 6 އޭޖެންސީއަށް މަދުކުރުމުގެ ސަބަބުން 4 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ސަލާމަތްކުރެވިފައެވެ. މީގެ އިތުރުން، ކުރިން މާކެޓިންގ ބަޖެޓުގެ ގާތްގަނޑަކަށް 80 އިންސައްތަ ހަރަދުކުރެވެމުން ދިޔަ ބައިނަލްއަޤްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކަށް ހަރަދުކުރާ ނިސްބަތް ވަނީ 34 އިންސައްތައަށް ކުޑަކުރެވިފައެވެ. މި ބަދަލުގެ ސަބަބުން ކޮންމެ ބޮޑު އިވެންޓަކުން ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ސަލާމަތްވެފައިވެއެވެ.
އެމް.އެމް.ޕީ.އާރު.ސީ. އިން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 21 އަށްވުރެ ގިނަ ކެމްޕޭނުތައް ހިންގަމުން އެބަދެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ ގުޅިގެން 10 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާގެ “ކޯ-އިންވެސްޓްމަންޓް މާކެޓިންގ ޕާޓްނަރޝިޕް” ތަކެއް ވަނީ ފަށާފައެވެ.
މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 މާކެޓުން ވެސް އަހަރުން އަހަރަށް ކުރިއެރުންތަކެއް ވަނީ ރިކޯޑުކުރެވިފައެވެ. 2023 ވަނަ އަހަރު 39 އިންސައްތަ ދަށަށް ދިޔަ އިންޑިއާ މާކެޓު ވަނީ މި އަހަރު 4 އިންސައްތަ ކުރިއެރުވުމަކާ އެކު އަލުން އާދަޔާ ހިލާފު ކުރިއެރުމެއް ހޯދާފައެވެ. ރަޝިޔާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.
އެމްއެމްޕީއާރްސީން ބުނީ މިއީ ހަމައެކަނި މާލީ ކާމިޔާބީއެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ދާއިރާކަމަށްވާ ޓޫރިޒަމަށް އެމް.އެމް.ޕީ.އާރު.ސީ. އިން ދޭ އެހީތެރިކަން އިތުރަށް ހަރުދަނާވެ، ކުރިއަރާފައިވާ ކަމުގެ ހެކިތަކެއްކަމަށެވެ.