އެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒު
30 ސެޕްޓެމްބަރު 2025 - 04:49

މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑެތި ކޮރަޕްޝަންތަކުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރްސީގެ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭކަމަށާއި އެހިޔާނާތުގައި ޝާމިލުވާ މީހުން ހޯދައި ފިޔަވަޅު އެޅެންޖެހޭކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުލީލުކުރުމަށް ކޮންފަރެންސެއް ބާއްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރެއްވުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުލީލުކުރުމަކީ ރަނގަޅުކަމެއްކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ފަހަތުން އަދި އެބަ ދާން ޖެހޭކަމަށެވެ. އަދި އެބޮޑު ހިޔާނާތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އުޅުނުކަމުގެ ކުށް ސާބިތުވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މައާފުދިނީ ރައީސް ސާލިހުގެ އެމްޑިޕީ ސަރުކާރުގައެވެ.
ހިޔާނާތާއި ވައްކަމުން ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް ހެދިނަމަވެސް ދައުރު ނުނިމެނީސް ނަތީޖާއެއް ހާސިލުނުވުމުން އެ ކޮމިޝަން ޖެހުނީ އުވާލާށެވެ.
ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވާނެ ކަމުގެ ވާހަކައެވެ. ނަމަވެސް އެކަން ނުވިއިރު ދައުރު މި ނިންމާލީ ހިޔާނާތުގެ މުގުލުގައި ތިއްބެވި ދެ ބޭފުޅުންނަށް މައާފު ދެއްވައިގެންނެވެ.