ޗައިނާއިން ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދައިފި
5 ޖުލައި 2025 - 09:45

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަހުން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ. މިއީ އެ ކުންފުނިން އުފެއްދި ފުރަތަމަ ސާމްޕަލް ބެޗެވެ.
މިއީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ސުން ރޭޓަށް ދަށްވެފައިވާ ކަމަށް މިކަމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
ރާއްޖޭގެ ކަނޑުމަހުން މަސްދަޅު އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެންނެވެ.
އެ ކުންފުނިން އުފެއްދި ދަޅު މަސް ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައެވެ. މިކަމަށްޓަކައި ޗައިނާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވެގެންދާނެ އެއްބަސްވުމަކަމަށް ވާނެކަމަށް އެއިރުވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފްވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެޅުއްވެވި ހަރުދަނާ ފިޔަވަޅެއް ކަމަށްވެސް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.