logoEN
ޚަބަރު

ޖޫންމަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 34 މީހަކު ޖޫރިމަނާކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

06 ޖުލައި 2025 - 12:29

ހުސްވި ޖޫން މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 34 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ މިމައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 170،000 ( އެއްލައްކަ ހަތްދިހަހާސް ) ރުފިޔާއަށް އަރާކަމަށެވެ.

ޖޫން މަހުގެ އެކަކުން ފެށިގެން އެމަހުގެ ނިޔަލަށް ވޭޕް ބޭނުންކޮށްގެން ޖުމްލަ 18 މީހަކު 97,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު ވޭޕް ގެންގުޅެގެން 16 މީހަކު 73,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އީ-ސިނގްރޭޓާއި ގުޅުންހުރި ޖުމްލަ 28 މައްސަލަ ޖޫންމަހުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޖޫންމަހުގެ ތަފާސްހިސާބު:

ވޭޕް އަދި އީ-ސިނގްރޭޓް ގެންގުޅެގެން 22 މައްސަލަ

ވޭޕް އަދި އީ-ސިނގްރޭޓް ބޭނުން ކޮށްގެން 3 މައްސަލަ

ވޭޕް އަދި އީ-ސިނގްރޭޓް ވިޔަފާރި ކޮށްގެން 1 މައްސަލަ

ވޭޕް އަދި އީ-ސިނގްރޭޓާ ގުޅުންހުރި 2 މައްސަލަ

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފެށުމާ އެކު ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުން ފެށިގެންނެވެ.

މި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވެއެވެ. މީގެ އިތުރުން، މި ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމާއެކު، އަންނަނިވި ކަންކަން ވެސް ވަނީ މަނާވެފައެވެ.

- ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން.

- ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލުކޮށްފި ނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން.

- 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދީންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދައިފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުޢާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން.

- ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއްކަން ނޫންކަން ޔަގީންކޮށް، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުން.- ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިސްތިހާރުކުރުން.

- ދުންފަތުގެ ބާވަތްތައް ވިއްކާ ތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އެފަދަ އެއްޗެއް އާންމުންނަށް ފެންނާނޭހެން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި، އެގޮތަށް މުދާ ބަހައްޓައިފި ނަމަ ނުވަތަ އުފުލައިފި ނަމަ، އެއީ އިސްތިހާރުކުރުން ކަމުގައި ބެލެވޭނެކަމަށް.

- ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރާ މާއްދާގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުން ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުން.

- ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫންވެސް ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ އުފެއްދުން.

- ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން.

- ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން ނުވަތަ ދިވެހިރާއްޖޭގައި ބެހުން ނުވަތަ ވިއްކުން.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭނެ އަދަދުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެކަމަށް އުސޫލުގައިވެއެވެ.

މީގެއިތުރުން، އެފަދަ އާލާތެއް ވިއްކައިފިނަމަ، 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވެއެވެ. އަދި އެފަދަ އުފެއްދުމެއް ބޭނުންކޮށްފިނަމަ، 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

ކޮމެންޓް

871x217_placeholder