logoEN
ޚަބަރު

ހަފްތާއެއްގެ ތެރޭގައި ސްކޭމްގެ 50 މައްސަލަ ހުށަހަޅައިފި

އާމިނަތު ސަފާއާމިނަތު ސަފާ

08 ޖުލައި 2025 - 04:12

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްކޭމްގެ 50 މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅިފައިވާކަން އެ ސެންޓަރުން ހާމަކޮށްފިއެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 05 ވަނަ ދުވަހާ ހަމައަށް އެންޓި ސްކޭމް ސެންޓަރަަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް އެ ސެންޓަރުން ވަނީ އާންމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި 416،879.42 ފައިސާ ގެއްލި އަދި މީގެ ތެރެއިން 114،276.42 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. އެއީ ގެއްލުނު ފައިސާގެ 27 އިންސަތައެވެ.

ސްކޭމްގެ ބާވައްތަކުގެ ތެރޭގައި އީކޮމާސްގެ 29 މައްސަލަ، ކަރަންސީ އެކްސްޗޭންޗްގެ 09 މައްސަލަ، އިންޕަރސަނޭޝަންގެ 03 މައްސަލަ، ފިޝިންގ، ވިޝިންގ އަދި ޖޮބް ސްކޭމްގެ 06 މައްސަލަ، އަދި އެހެނިހެން މައްސަލައިގެ ގޮތުގައި 03 މައްސަލަ ހުށަހަޅާފައިވެއެވެ.

ސްކޭމް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ފޯންކޯލް އާއި އައި ބޭ، އޮންލައިން މެސެޖިން ޕްލެޓްފޯމްތައް އަދި ފިޝިންގ ލިންކްގެ އިތުރުން ފޭސްބުން މާކެޓްޕްލޭސް ހިމެނެއެވެ.

މިފަދަ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ސައްޚަ މައުލޫމާތު ހޯދުމާއި ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމާއި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އަންނަ ގޮތަށް ހެދުމަކީ ކުރެވިދާނެ ކަންތައްތަކެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޤާއިމްވެސްކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ. އެ ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެއެވެ.

މިގޮތަށް ހިންގާ ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް

871x217_placeholder