މާލޭ އުތުރުފަރާތުގެ ބަނދަރު ހިންގަން އެމްޕީއެލްއާ ހަވާލުކޮށްފި
10 ޖުލައި 2025 - 11:22

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ދެމެދު ފަހުމުނާމާއެއްގެ ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއެއްގެ ދަށުން، 2025 ޖޫން 4 ވަނަ ދުވަހުން ފެށިގެން މާލޭގެ އުތުރު ފަރާތު ބަނދަރު، އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެމް.ޕީ.އެލްއާ ހަވާލުކޮއްފައެވެ. އެހެންކަމުން، މި ބަނދަރު ހިންގައި ބަލަހައްޓާނީ، އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރގެ ދަށުންކަމުގައި ކަން އެމް.ޕީ.އެލް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
އެގޮތުން މާލޭ ނޯތު ހާބަރ ބަަނދަރުން 2025 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭނީ މާލޭ ނޯތު ހާބާރގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށް ކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ. އެ ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުންނެވެ. މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ވާނީ ގެޒެޓްކޮށްފައެވެ.
މި ބަދަލާއި ގުޅިގެން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މާލޭ ނޯތު ހާބަރގެ އޮޕަރޭޝަންސް ނަންބަރ 3006545 އަށް ގުޅުއްވުމަށް އެފަރާތުން ވަނީ އެދިފައެވެ.