ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި އެތައް ކުޑަކުދިންނެއް ޝަހީދުވެއްޖެ
.jpg&w=96&q=75)
11 ޖުލައި 2025 - 13:52

ނިރުބަވެރި ޔަހޫދީ ދައުލަތް، އިޒްރޭލުން ޣައްޒާގެ ކުށެއް ނެތް ޢާންމުންނަށް ޢަމާޒުކޮށް ދިން ހަމަލާއެއްގައި، މަދުވެގެން 10 މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޙަމްވެއްޖެއެވެ.
އިޒްރޭލުން ރޭ ޣައްޒާގެ އުތުރުގެ ޖަބަލިޔާ އަން-ނަޒްލާގައި ހުންނަ ހަލީމާ އަލް-ސަޢްދިއްޔާ ސްކޫލަށް އަމާޒުކޮށްދިން ހަމަލާގައި ޝަހީދުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުން ޙަމަލާދިން ސްކޫލަކީ އިޒްރޭލުގެ ހަމަލާތަކުން ސަލާމަތްވެ، ހިޔާވަހިކަން ހޯދައިގެން ތިބި ގެދޮރުބީވެފައިވާ ފަލަސްތީނުގެ ރައްޔިތުން ގިނަ އަދަދަކަށް ދިރިއުޅެމުންދިޔަ ތަނެކެވެ.

Ad by Hajj Corporation
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާ ދީފައިވަނީ ރޭދަންވަރުގެ ވަގުތެއްގައެވެ. އެ ޙަމަލާއަށް ފަހު، އެ ސްކޫލުގެ މަންޒަރު ފެނުނު ފަރާތްތަކުން ބޭރުގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ސިފަކޮށްފައިވަނީ އަނިޔާވެރިކަމުގެ އިންތިހާގެ ގޮތުގައެވެ.
އެގޮތުން ޙަމަލާގެ ވަގުތުގައި އެ ސަރަޙައްދުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ އިބްރާހިމް އަލް-ޚަލީލީ ފާހަގަކުރި ގޮތުގައި، އެ ޙަމަލާގެ ސަބަބުން ފެނުނު މަންޒަރުތަކަކީ މީގެ ކުރިން ނުފެންނަ ފަދަ އަނިޔާވެރި މަންޒަރުތަކެކެވެ. އެގޮތުން އެ ޙަމަލާގައި ޝަހީދުވި ޢާންމުންނަކީ އެއްވެސް ކުށެއް ނެތް ޢާންމުންކަން ޚަލީލީ ވެސް ވަނީ ފާހަގަކޮށްފައެވެ.
އެމެރިކާގެ މަދަދުވެރިކަމާއެކު ޔަހޫދީ ނިރުބަވެރި ދައުލަތުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޙިންގަމުންދާ ޤަތުލްޢާންމުގައި މިހާތަނަށް 57،762 މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށް ޣައްޒާގެ ސިއްޚަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އެހެން ނަމަވެސް އެ ޢަދަދު 80،000 އާއު 100،000އާ ދެމެދުގައި ހުންނާނެ ކަމަށް މިނިވަން ޖަމިއްޔާތަކުން ލަފާކުރެއެވެ.
އެގޮތުން ފާއިތުވި ހަތް ދުވަހުގެ ތެރޭގައި އެކަނި ވެސް، މަދުވެގެން ޣައްޒާގެ 400އެއްހާ މީހަކު އިޒްރޭލުން ޝަހީދުކޮށްލައިފައިވާ ކަމަށް އދގެ ތަފާސް ހިސާބުތަކުން ދައްކައެވެ.