logo
E-Platinum
ޚަބަރު

4000 ހައުސިން ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަ ދުވަހު ފަށަނީ

ނުހާ އަޙްމަދު
19 ޖުލައި 2025 - 17:18
4000 ހައުސިން ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަ ދުވަހު ފަށަނީ

ސަރުކާރުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން އިމާރާތްކޮށްފައިވާ 4000 ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފެށުމަށް އެފްޑީސީ އިން ނިންމައިފިއެވެ.

އެފްޑީސީ އިން ބުނީ، އެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާއި ދެމުދުގެ ގަޑިތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ.

މި ގޮތުން އެ ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

އެފްޑީސީން ބުނީ، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ.

ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ވަޑައިގަންނަވަން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެފަރާތްތަކަށް އެންގޭނެ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

އެއްބަސްވުމުގައި ސޮއިކުރަން ދާއިރު، ފްލެޓު ލިބޭ ފަރާތުގެ އައިޑީކާޑުގެ ދެ ފުށުގެ ސާފު ކޮޕީއަކާއި، ކޯ އެޕްލިކަންޓްގެ އައިޑީކާޑުގެ ދެ ފުށުގެ ސާފު ކޮޕީއަކާއި، އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ކޮޕީއަކާއި، ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮޮށްފައިވާ ފޯމުގެ އަސްލާއި އެހެނިހެން ގުޅުންހުރި ލިޔެކިއުންތައް ހިފައިގެން އައުމަށް އެފްޑީސީން އެދެއެވެ.

މީގެ އިތުރުން، ފްލެޓުގެ ވެރިފަރާތަށް އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭނަމަ، ބަދަލުގައި އަންނަ ފަރާތުގެ މައުލޫމާތު ހުށަހަޅަން ވާނެ ކަމުގައި ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ފްލެޓްތަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައި ކަމަށާއި، އެގޮތުން، ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

4000 ހައުސިން ޔުނިޓްގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހޯމަ ދުވަހު ފަށަނީޚަބަރު | 10 ގަޑިއިރު ކުރިންގެދޮރުވެރިޔާގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރަނީޚަބަރު | 20 ގަޑިއިރު ކުރިންއަންނަ ހަފުތާގައި 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށަނީޚަބަރު | 5 ދުވަސް ކުރިންގެދޮރުވެރިޔާ ފްލެޓް ލިސްޓުން އުނިވާ މީހުންނަށް އެކަން އަންގަން ފަށައިފި ޚަބަރު | މަހެއް ކުރިން