ބޭހަށް އަގު ކަނޑައެޅުމުގެ އުސޫލެއްނެތް، އާސަންދަ ލިސްޓަށް ބޭސް އިތުރުކުރަން ދިގު މުއްދަތެއް ހޭދަވޭ
22 ޖުލައި 2025 - 06:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ- އެމްއެފްޑީއޭގެ އެޕްރޫވަލްއާއެކު ގެންނަ ބޭސް އާސަންދައިގެ ލިސްޓަށް އިތުރުކުރުމަށްޓަކައި، 4 ނުވަތަ 5 މަސް ދުވަހުގެ މުއްދަތެއް ނަގާކަމަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ފާހަގަކުރާކަމަށާއި މިކަމުގެ ސަބަބުން ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން- އޭސީސީން ބުނެފިއެވެ.
އޭސީސީން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓްގައި ވާގޮތުން އާސަންދައަށް ރަޖިސްޓަރީވުމަށް، އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް، ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމަށް، އުނދަގޫތަކެއް ނެތްނަމަވެސް، އާސަންދަ މެދުވެރިކޮށް، ޚިދުމަތްތަކާއި ބޭހުގެ އަގުތަކަށް ހުއްދަ ލިބިގެން އަންނަނީ ލަހުންކަން ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ފާހަގަކުރެއެވެ. އަދި ބައެއް ހާލަތްތަކުގައި 7 މަސް ވެގެންދާއިރުވެސް އެޕްރޫވަލް މަރުހަލާ ނުނިމޭކަން ދިރާސާގެ ބޭނުމަށް ކުރެވުނު އިންޓަވިއުއަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އޭސީސީއަށް މަޢުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation
އޭސީސީން ބުނީ އައު ޚިދުމަތަކަށް އެދި ހުށަހަޅާއިރު، ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާއި ކަޑައްތުކުރަންޖެހޭ ހަރުފަތްތަކަކީ ކޮބައިކަން ސާފުކޮށް އެނގެން ނުހުންނަކަން ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ފާހަގަކުރާކަމަށެވެ. އެއީ މި މަޢުލޫމާތު ހާމަކުރެވިފައިނުވާތީކަމަށާއި ހަމަ އެހެންމެ، މިކަމުގައި ޝަކުވާ ހުށަހެޅޭނެ ގޮތްތައް ކަނޑައެޅިފައިވީނަމަވެސް މި ގޮތްތަކުގެ ޒަރީޢާއިން ޝަކުވާ ހުށަހަޅާއިރު، ހުށަހެޅޭ މަޢުލޫމާތު ޓްރެކްކޮށް ރެކޯޑްކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކޮންމެ ފަހަރަކު އެ ފަރާތްތަކުގެ ޝަކުވާތައް ތަކުރާރުކުރަންޖެހުމީވެސް، މި މަރުހަލާގެ ތެރެއިން އާސަންދަ މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ތަހައްމަލް ކުރަންޖެހޭ ތަކުލީފެއްކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.
"މީގެއިތުރުން ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތަކުން، އެމްއެފްޑީއޭގެ އެޕްރޫވަލްއާއެކު ގެންނަ ބޭސްތައްވެސް އާސަންދައިގެ ލިސްޓަށް އިތުރުކުރުމަށްޓަކައި، 4 ނުވަތަ 5 މަސް ދުވަހުގެ މުއްދަތެއް ނަގާކަމަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ފާހަގަކުރެއެވެ. މި ޚިދުމަތްވެސް ފުރިހަމަ ކުރެވެނީ ޕޯޓަލްއެއްގެ ތެރެއިންނެވެ."
ޚިދުމަތް ފުރިހަމަ ކުރެވެނީ ޕޯޓަލްއެއްގެ ތެރެއިން ނަމަވެސް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ގިނަ ދުވަސް މި މަސައްކަތަށް ނަގާކަމީ، ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރަށް އޭގެ އަސަރު ކުރާ ކަމެއްކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މިފަދައިން ލަސްތައް މެދުވެރިވުމަށް ދިމާވާ އެންމެ ބޮޑު ސަބަބެއްކަމަށް އާސަންދައިން ފާހަގަކުރަނީ އެމް.އެފް.ޑީ.އޭ އިން އެޕްރޫވްކޮށްފައިވާ ބޭހެއްނަމަވެސް އެ ބޭހެއް ވިއްކުމަށް ވަކި އަގެއް ކަނޑައެޅިފައިނުވާތީއެވެ. އަދި އާސަންދައިގެ ލިސްޓަށް އެބޭހެއް އިތުރުކުރެވެނީ ބޭހަށް ވަކި އަގެއް ކަނޑައެޅިގެން ކަމުގައިވާތީ އާސަންދަ ކުންފުނިން ބޭހަކަށް އަގު ކަނޑައެޅުމުގެ މަރުހަލާ ނިންމަންޖެހޭތީއެވެ. ބޭހަށް އަގުކަނޑައެޅުމުގައި ދިވެހިރާއްޖޭގައި އަދި މިހާތަނަށް އެއްވެސް އުސޫލެއް ހެދިފައި ނުވެއެވެ.
ދިރާސާގައި ބުނީ ވިޔަފާރީގެ މައިގަނޑު އަސާސަކީ ވިއްކުމާއި ގަތުން ކަމުގައި ވެފައި، އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ ވިޔަފާރީގެ އުޞޫލުން އެކަމަށްޓަކައި ހިންގާ ތަންތަނަށްވީހިނދު، މިފަދަ ލަސްތަކަކީ އެ ފަދަ ވިޔަފާރިތަކަށް ލިބޭނެ ގެއްލުމަކަށްނޫނީ ނުވާނެކަމަށެވެ. މި މިފަދަ ހާލަތްތަކަކީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން ކަންކުރެވެން އޮންނަ އެންމެ ފަސޭހަމަގުން ހަލުވި ކަމާއެކު ނިންމުމަށް އަދި ލަސްވާ ލަސްވުން އަވަސްކުރުމަށް ކޮރަޕްޝަންގެ ޢަމަލްތައް ހިންގުމަށް މަގުފަހިވާ ހާލަތްތަކެއްކަމަށެވެ.
މިކަންކަން ހައްލުކުރުމަށް އޭސީސީން ހުށަހަޅާ ލަފާ:
- ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އާސަންދައިގައި ރަޖިސްޓަރީވުމަށް ފުރިހަމަކުރަންޖެހޭ ހަރުފަތްތަކާއި ޕްރޮސެސްކުރިއަށްދާ ގޮތް އާންމުކޮށް ފެންނާނެހެން ހާމަކުރުން.
- ބޭހުގެ އަގު ކަނޑައަޅައި އާސަންދައިގައި ބޭސް ރަޖިސްޓަރީކުރުމަށް ދިމާވާ ލަސްތައް މަދުކުރުމަށް އާސަންދަ އަދި އެމް.އެފް.ޑީ.އޭ މެދުގައި މުޢާމަލާތްކުރާނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުން.
- އާސަންދައިގައި ބޭސް ރަޖިސްޓަރީކުރުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ޓްރެކްކޮށް ރެކޯޑްކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް އާސަންދަ ކުންފުނިތެރޭގައި ގާއިމްކުރުން.