-01-40bb8a38.jpg)

ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޒީނާ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިރޭ ރަސްމީކޮށް ސޮއިކުރައްވައިފި އެވެ.
ޒީނާ ޕީއެންސީއާ ގުޅިވަޑައިގަތީ އެކަމަށްޓަކައި މިރޭ ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ހަފްލާގައި އޭނާގެ ފޯމާ ހަވާލުވެވަޑައިގެން، ޕާޓީއަށް މަރުހަބާ ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުންނާއި ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އިންތިހާބުގައި ޒީނާ ވާދަކުރެއްވީ އަމިއްލަ ގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނަމަވެސް، އެ އިންތިހާބުގައި އޭނާއަށް ޕީއެންސީން ތާއީދުކުރި އެވެ. ޒީނާ މި ގޮނޑި ކާމިޔާބުކުރެއްވީ އެ ރަށުގައި މަގުބޫލުކަން ބޮޑު އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓު ބަލިކުރެއްވުމަށް ފަހުގަ އެވެ.
މި ބައި-އިލެކްޝަނުގައި ތިނަދޫ ޑަބްލިއުޑީސީ ގޮނޑި ޒީނާ ކާމިޔާބުކުރެއްވި ނަމަވެސް، އެ ދުވަހު ބޭއްވި ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ، ޒީނާ އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށާއި، ޕީއެންސީއަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ތާއީދު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.






