ޖަޕާން ސަރުކާރުގެ އެހީގައި މާލޭގެ ތޮށި މަރާމާތު ކުރަނީ
26 ޖުލައި 2025 - 16:05
ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ދެއްވުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ސޮއިކުރުން އޮތީ ހާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.

Ad by Hajj Corporation
އެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ޗައިނާ ސަރުކާރުން ވަނީ މާލޭގެ ވަށާލާފައިވާ ތޮށި މަރާމާތު ކުރުމަށް ރާއްޖެއަށް 10.5 މިލިއަން ޑޮލަރު ދިނުމަށް ހަމަޖައްސާފައެވެ.
އެ ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، އެތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަމަށާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިއަދު ސޮއިކުރެވުނު "އެކްސްޗޭންޖް އޮފް ނޯޓްސް" އަކީ އެ މުހިއްމު މަޝްރޫއު ކުރިޔަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމުގައެވެ.
ދެ ގައުމު ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަހައްދަކަށް ރާއްޖެއިން ތާއީކުރާކަން ތަކުރާރު ކުރެއްވައި ވަޒީރު ވަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާ ކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބްގެ އިތުރުން، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއާއި ހާރިޖީ ވުޒާރާގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ޖަޕާން އެމްބަސީއާއި ޖައިކާ އޮފީހުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.