ވިދިވިދިގެން ތިންވަނަ ފަހަރަށް ދިއްދޫކަޕް ކާމިޔާބުކޮށް ރިއަލް ޓީ ތާރީޚުގެ ތެރެއަށް
28 ޖުލައި 2025 - 05:28

ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި 8 ވަނަ ދިއްދޫ ކަޕްގެ ފައިނަލް މެޗުގައި އައްސޭރި ސްޕޯޓްސް 3-2 އިން ބަލިކޮށް، ވިދިވިދިގެން ތިންވަނަ ފަހަރަށް މުބާރާތުގެ ތަށި ރިއަލް ޓީއިން މިލްކުކޮށްފިއެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ރިއަލް ޓީގެ ނައުޝާދު (ނައުއްޓީ) އެވެ. ދެވަނަ ހާފުގައި އައްސޭރިން ގަދަ ކުޅުމެއް ދައްކައި، ޑިފެންސިވް ގޯހަކުން ލިބުނު ބޯޅައަކުން ލިމާ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް 56 ވަނަ މިނެޓުގައި ރިއަލް ޓީއަށް ލިބުނު ހިލޭ ޖެހުމަކުން ލިބުނު ފުރުސަތެއްގައި ޒުނާމް ވަނީ ލީޑު ހޯދައިދީފައެވެ. އަދި 73 ވަނަ މިނެޓުގައި ފާއިޤް ވަނީ ރިއަލް ޓީގެ ތިންވަނަ ގޯލު ޖަހާފައެވެ. މެޗުގެ ފަހުގޯލު އައްސޭރިއަށް ކާމިޔާބުކޮށްދިނީ މެޗުގެ އެންމެ ފަހުވަގުތުގައި ލިމާއެވެ.

Ad by Hajj Corporation
މެޗުގެ ތެރެއިން
މުބާރާތުގެ ވަނަތަކަށް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ އިނާމާއި އެންމެ ގިނައިން ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ އައްސޭރި ޓީމުގެ ބްރެޒިލްގެ ކުޅުންތެރިޔާ ވެލެސް ޑި ލިމާއެވެ. އޭނާ ވަނީ މުޅި މުބާރާތުގައި 10 ގޯލު ޖަހާފައެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ އިނާމު ލިބުނީ ބްލެކްޒީނޯގެ މުޙައްމަދު ސާއިލަށެވެ.
މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ (ވަލޭސް ޑި ލިމާ | އައްސޭރި)
މުބާރާތުގެ އެހެނިހެން އިނާމުތަކުގެ ތެރެއިން އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ރިއަލް ޓީގެ މޫސާ ރަޝީދެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ރިއަލް ޓީގެ ޖެރީއެވެ. އަދި އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ހަމަ އެޓީމުގެ ޒުނާމް މުޙައްމަދެވެ. އެންމެ މޮޅު ފޯވާޑަކަށް ލިމާ ހޮވިފައިވާއިރު، މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިޔާގެ އިނާމު ލިބުނީ ރިއަލް ޓީގެ މުޙައްމަދު ރަޒީނަށެވެ. އަދި އެންމެ މޮޅު ކޯޗުގެ އިނާމު ލިބުނީ ރިއަލް ޓީގެ މޫސާ އިބްރާހީމަށެވެ.
މުބާރާތުގެ އެކި މަޤާމް ތަކަށް ހޮވުނު ކުޅުންތެރިން
7 ޓީމު ވާދަކުރި މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗުގައި ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ހއ. އަތޮޅުގެ ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ސިޒްލީންއެވެ. އަދި މުބާރާތުގެ ޗެންޕިއަންޓީމަށް ޓްރޮފީ، މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން ކުރައުން އެންޑް ޗަންޕާ ރިސޯޓުގެ ސީއީއޯ މުޙައްމަދު ސަލާޙުއެވެ.
ރޭގެ މޮޅާއެކު ރިއަލް ޓީ ދިއްދޫ ފުޓްބޯޅަ މުބާރާތް ފާއިތުވެދިޔަ ތިން އަހަރުގައި ކާމިޔާބުކުރުމުގެ އިތުރަށް 2014 ވަނަ އަހަރުގައި އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަންވެސް ވަނީ ހޯދާފައެވެ.