ސެސްކޯގެ ސޮއި ހޯދުމަށް ނިއުކާސަލް އާއި މެންޗެސްޓަރ ޔުނައިޓެޑް ގަދަހިފުމަކަށް
28 ޖުލައި 2025 - 15:23

ޕްރިމިއަރ ލީގުގެ ދެ ކުލަބް މެންޗެސްޓަރ ޔުނައިޓެޑް އާއި ނިއުކާސަލް ޔުނައިޓެޑް ވަނީ އާރްބީ ލެއިޕްޒިގްގެ ސްޓްރައިކަރު ބެންޖަމިން ސެސްކޯގެ ސޮއި ހޯދުމަށް ގަދަހިފުމަކަށް ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ކުރީކޮޅު ސެސްކޯ އާސެނަލްއާ ގުޅޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި ނަމަވެސް، އާސެނަލްވަނީ ވިކްޓަރ ގިއޯކެރެސްގެ ސޮއި ހޯދާފައެވެ. އެހެންކަމުން ސެސްކޯގެ އާސެނަލްއަށް ބަދަލުވުމުގެ ފުރުސަތު ވަނީ ނެތިގެން ގޮސްފައެވެ.
ނިއުކާސަލްގެ ސްޓްރައިކަރު އެލެކްސަންޑަރ އިސާކް ކުލަބު ދޫކޮށްލަން އެދިފައިވާތީ، ނިއުކާސަލްވަނީ އައު ސްޓްރައިކަރަކު ހޯދުމުގެ މަސައްކަތުގައެވެ. ނިއުކާސަލްއިން ހިއުގޯ އެކިޓިކެގެ ސޮއި ހޯދަން މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ ލިވަޕޫލްއާ ގުޅިފައެވެ. އަދި މިހާރު އިސާކް ލިވަޕޫލްއާ ގުޅުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މެންޗެސްޓަރ ޔުނައިޓެޑުން ބްރަޔަން އެމްބިއުމޯ އަދި މަތެއުސް ކުންޔާ އާއެކު ފުރަތަމަ 11 ގައި ކުޅޭނެ ސްޓަރައިކަރެއް ހޯދުމަށް މަސައްކަތް ކުރަމުންގެންދާއިރު، ކުލަބުން މިހާރު ބޭނުންވަނީ ސެސްކޯ ގެންނަންކަމަށް ރިޕޯރޓްތައް ބުނެއެވެ.
ސެސްކޯގެ އަމާޒު ޔުނައިޓެޑަށް
ބެންޖަމިން ސެސްކޯ މި އަހަރުގެ ސަމަރ ޓްރާންސްފަރ ވިންޑޯގައި ނިއުކާސަލް ޔުނައިޓެޑަށް ވުރެ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް އިސްކަންދޭ ކަމަށް ވަނީ ހާމަވެފައެވެ.
މީގެ ކުރިން ލައިޕްޒިގް އިން ސެސްކޯއާއި ގުޅޭގޮތުން އާސެނަލްއާ އެކު މަޝްވަރާކުރިއިރު، ލައިޕްޒިގްއިން އަގުގެ ގޮތުގައި ހުށަހަޅާފައިވަނީ 68 މިލިއަން ޕައުންޑާއި 85 މިލިއަން ޕައުންޑާ ދެމެދުގެ އަދަދެކެވެ. ނަމަވެސް މިހާރު އެ އަގު ދަށްވެ، 60.6 މިލިއަން ޕައުންޑް (70 މިލިއަން ޔޫރޯ) އަށް ވިއްކާލުމަށް ތައްޔާރަށް ތިބި ކަމަށް ވެއެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ނިއުކާސަލްއިން ދެވޭނެ ކަމަށް ވުމާއެކު، ސެސްކޯ ހޯދުމުގެ ވާދަވެރިކަމުގައި މެންޗެސްޓަރ ޔުނައިޓެޑަށް ވުރެ އެ ކުލަބަށް އިސްކަމެއް ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ޖަރުމަނުގެ ނޫސްވެރިއެއް ކަމަށްވާ ގުއިޑޯ ޝެފަރ ބުނާ ގޮތުގައި ސެސްކޯ އިސްކަންދެނީ އޯލްޑް ޓްރެފަޑަށް ބަދަލުވުމަށެވެ.
ޓްރާންސްފަރ މާކެޓް ދުވަހެއްދުވަހަކަށް ހޫނުވަމުންދާ މި ދަނޑިވަޅުގައި، ދެކުލަބުގެ ސަޕޯޓަރުންވެސް ތިބީ މިކަމުގައި ސެސްކޯގެ ރަސްމީ ބަހެއް ލިބޭނެ ދުވަހަކަށް ކެތްމަދުވެފައެވެ.