ޓްރަމްޕް ރަޝިޔާއަށް: "ހަނގުރާމަ ހުއްޓާލަން މި ދިނީ 12 ދުވަހުގެ މުޙުލަތު"
29 ޖުލައި 2025 - 11:44

ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް ރަޝިޔާއަށް މުހުލަތެއް ދީފިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އިސްވެ، ޔޫކްރެއިނަށް ޙަމަލާ ދީފައި ވަނީ ރަޝިޔާއިންނެވެ.
ޓްރަމްޕްގެ އައު އިންޒާރާ ގުޅިގެން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ނަމަވެސް، ރަޝިޔާގެ ކުރީގެ ރައީސް ދްމީތުރީ މެދްވޭދެފް ވަނީ ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދީފައެވެ. އޭނާ ބުނީ، އެމެރިކާގެ އަމަލުތަކާ ގުޅިގެން އެމެރިކާއިން ބައިވެރިވާ ހަނގުރާމައެއް ފެށިގެން ދިޔުމުގެ ފުރުޞަތު ބޮޑުވަމުންދާ ކަމުގައެވެ. "އައު ކޮންމެ އިންޒާރަކީ ހަނގުރާމައަކާ ދިމާއަށް އެޅޭ ފިޔަވަޅެއް. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދުއެއް ނޫން، ނަމަވެސް [ޓްރަމްޕްގެ] އަމިއްލަ ޤައުމާ ދެމެދު،" އެކްސްގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި އޭނާ ބުނެފައިވެއެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިޔާއަށް 10 ނުވަތަ 12 ދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ. އަދި، ރަޝިޔާއިން އެ ގޮތަށް އަމަލު ނުކޮށްފި ނަމަ، އެ ޤައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގައެވެ. މި ގޮތުން، އަޅާނެ ކަމަށް ޓްރަމްޕް އިންޒާރު ކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ އިތުރުން އެ ޤައުމުގެ މުދާ ގަންނަ ޤައުމުތަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ޒެލެންސްކީއާ މެދު ވެސް ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ. ނަމަވެސް، އޭނާ ބުނީ ޕުޓިންއާ އެކު އިތުރަށް މަޝްވަރާ ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށާއި، އަދި، ޓްރަމްޕް ބޭނުންވާ ގޮތަށް އަމަލު ކުރުމަށް ޕުޓިން އިންކާރު ކުރައްވަމުން ގެންދަވާ ނަމަ، ރަޝިޔާއަށް އަދަބު ދިނުމުގެ ގޮތުން ދަތި ކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައި، އެ ޤައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓުޑިޔުޓީ ބޮޑު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.