''ސުލްޙައިގެ ރައީސް'' ޓްރަމްޕް، ނިމުނު އަހަރު ކިތައް ޤައުމަށް ބޮން އެޅި؟
1 ޖެނުއަރީ 2026 - 06:50

މިނިވަންކަމާއި ސުލްޙައިގެ ލާމަސީލު މިސާލެއްގެ ގޮތުގައި އަމިއްލައަށް ދައުވާކުރަމުން އަންނަ އެމެރިކާ އަކީ، ދުނިޔޭގެ މާޒީގައި ވެސް އެންމެ އަނިޔާވެރި، އެންމެ ގިނަ ގައުމާއި ނަސްލުތަކަށް ގެއްލުންދިން ގައުމުކަމާ މެދު، ހަގީގަތަށް ވާހަކަދައްކާ އެކަކު ވެސް ދެބަހެއް ނުވާނެއެވެ.
ކުރިއަރަމުން އައި އަރަބި އިސްލާމީ ގައުމުތަކާއި ތެލާއި މައުދަންތަކުގެ ރޯދި ފެނި، ކުރިއެރުމުގެ ހުވަފެން ދެކެމުންދިޔަ ގައުމުތަކަށް، "ސުލްހަ ޤާއިމްކުރުމުގެ" ނަމުގައި އަރައި ހިންގި ޖަރީމާތަކުގެ ވާހަކައަކީ އެންމެން ދަންނަ ހަގީގަތެކެވެ.

Ad by Hajj Corporation
ޖަޕާނަށް ދިން ނިއުކްލިއަރ ހަމަލާއިން ފެށިގެން، މިފަހުން ވެނެޒުއޭލާއަށް ދޭން ފެށި ބޮމުގެ ހަމަލާތަކާ ހަމައަށް ގުނި ކަމުގައިވީ ނަމަވެސް، ސުލްހަ ގާއިމްކޮށް، އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ނަމުގައި އެމެރިކާއިން ހިންގި ޖަރީމާތަކުގެ އަދަދު، އިންޓަނެޓުން ވެސް އެހެރީ ފެންނާށެވެ.
2001 ވަނަ އަހަރު އަފްޤާނިސްތާނަށް ވެރިވެގަތް ގޮތާއި 2003 ވަނަ އަހަރު އިރާގަށް ވެރިވެގަނެ ސައްދާމް ހުސެއިންއަށް ހެދި ގޮތާއި، 2011 ވަނަ އަހަރު ލީބިއާގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތް މިއީ އަޅުގަނޑުމެން އެންމެންނަށް ވެސް ޔޫޓިއުބުން ވެސް މިއަދު ފެންނަން ހުރި ކަންކަމެވެ.
މި ހުރިހާ އަމަލެއް "ޖަސްޓިފައި" ކުރުމަށް އެމެރިކާއިން ގެންގުޅޭ ހަތިޔާރަކީ ސުލްހަ ގާއިމްކުރުމެވެ. ގައުމުތަކުން އަޅުވެތިކަން ނެތިކޮށްލުމަށް ކަމަށް އެމެރިކާއިން ބުނެއެވެ.
ފާހަގަކޮށަލަން ޖެހޭ ގޮތުގައި އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ތިމަންނާ މިއީ ނޯބެލް ސުލްހައިގެ އިނާމު އެންމެ ހައްގުވާ މީހާކަމަށް ބުނާކަމެވެ. އެކަމަކު ސުލްހައިގެ މިސާލެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރާ ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި މިދިޔަ އަހަރު އެކަނިވެސް، ދުނިޔޭގެ 7 ގައުމަކަށް އެމެރިކާއިން އަސްކަރީ ހަމަލާތައް ދީފައިވެއެވެ. އެއީ ވެނެޒުއޭލާ، ސީރިއާ، އީރާން، އިރާޤް، ނައިޖީރިއާ، ސޯމާލިއާ އަދި ޔަމަނެވެ.
ސޯމާލިއާގެ އައިސިސްއާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާއިން ވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު، އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދީފައެވެ. މިއީ 2025 ވަނަ އަހަރު އެމެރިކާއިން އެހެން ގައުމަކަށް ދިން ފުރަތަމަ ހަމަލާއެވެ.
އެފަހުން އަހަރުގެ މާޗު މަހު "އޮޕަރޭޝަން ރަފް ރައިޑަރ" ގެ ނަމުގައި ހޫޡީންގެ ބާރުގެ ދަށުގައިވާ ޔަމަނުގެ ސަރަހައްދުތަކަށް އެމެރިކާއިން ވަނީ ވައިގެމަގުންނާއި ކަނޑުމަގުން ހަމަލާތައް ދީފައެވެ.
މީގެއިތުރުން ހަމަ މާޗު މަހުގެ ތެރޭގައި އިރާގަށް ވެސް އެމެރިކާއިން ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި އައިސިލްގެ އިސް އޮފިޝަލަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.
އަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނަށް ވެސް ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ އެންމެ ގާތް މިތުރު، އިސްރާޢީލާއި އީރާނާ ދެމެދު ހިނގައިދިޔަ ކޮންފްލިކްޓުގެ ތެރޭގައި، އީރާނުގެ 3 ނިއުކްލިއަރ ފެސިލިޓީއަކަށް އެމެރިކާއިން ވަނީ ވައިގެ ހަމަލާތަކެއް ފޮނުވާލާފައެވެ.
އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ވެސް އެމެރިކާއިން ދިޔައީ ވެނެޒުއޭލާއަށް އެކި ގޮތްގޮތުން ހަމަލާދެމުންނެވެ. ފުރަތަމަ ފެށީ ކަނޑުމަގުން ވެނެޒުއޭލާގެ ބައެއް ކާގޯ އުޅަނދުތަކަށް ހަމަލާދޭށެވެ. އެހެންނަމަވެސް އަހަރު ނިންމާލީ، ސީދާ ވެނެޒުއޭލާގެ ޑޮކަކަށް ވެސް ވައިގެ ހަމަލާއެއް ދީފައެވެ.
ނިރުބަވެރިކަމާ ދެކޮޅަށް ކަމަށްބުނެ އެމެރިކާއިން ހިންގާ ޖަރީމާގެ ތެރެއިން މީގެ ކުރިން ވެސް ސީރިއާއަށް އެތައް ހަމަލާއެއް ދީފައިވާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ސީރިއާއަށް އެމެރިކާއިން ވަނީ ބޮން އަޅާފައެވެ. އެއީ އައިސިސްއާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އަހަރު ނިމުމުގެ ކުރިން އމެރިކާއިން ވަނީ އެފްރިކާ ބައްރަށްވެސް ހަމަލާތަކެއް ދީފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި އެމރިކާއިން ވަނީ ނައިޖީރިއާ ސަރަހައްދުތަކަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީވެސް އައިސިސްއާ ދެކޮލަށް ހިންގި އޮޕަރޭޝަނެއްގައި ދީފައިވާ ހަމަލާތަކެކެވެ.
ފާހަގަކޮށްލެވުނު މި ހަމަލާތަކުގެ އިތުރުން ވެސް، އެމެރިކާގެ ހަތިޔާރުގައި، ވާތްގާއި އެހީގައި ނިރުބަވެރި އިސްރާޢީލުން ހިންގި ޖަރީމާތައް ވެސް މަދެއް ނޫނެވެ. ފަލަސްޠީނުގައި ނަސްލެއް ނެތިކޮށްލުމަށް އިސްރާޢީލުން ހިންގާ ޖަރީމާގައި އެންމެ ބޮޑު ވާގިވެރިއަކީ ހަމަ ޓްރަމްޕާއި އެމެރިކާއެވެ.
މި ހުރިހާ ކަމަކަށް ބިނާކޮށް ހިތުގައި އުފެދޭ އޮތީ އެންމެ ސުވާލެކެވެ. ޓްރަމްޕާއި އެމެރިކާއިން، އެހެން ހުރިހާ ގައުމުތަކާއި މީހުންނަކީ އެމީހުން ދަށުގައި، ދެވަނަ ދަރަޖައިގައި ތިބެންޖެހޭ ބައެއްގެ ގޮތުގައި ދެކެނީތޯއެވެ. އަދި ދެން ތިބި އެންމެންނަކީ އެމީހުންގެ އަމަލުތަކާއި ޖަރީމާތައް ނުފެންނަ، ނުދަންނަ ބައެއްކަމަށް ހީވަނީތޯއެވެ.


