އީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއް
27 ޖުލައި 2026 - 18:26

ކެސްޕިއަން ކަނޑުގައި ދަތުރުކުރަމުންދިޔަ އީރާނުގެ އާގުބޯޓަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާއެއް ދީފިއެވެ.
ކިއޭވްއާ 500 މޭލު ދުރުގައި އޮތް މި ބޯޓަށް ދިން ހަމަލާއަކީ، އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމުގެ ކުރިން ޔޫކްރެއިނުގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ދެއްވި މުހިންމު މެސެޖެއް ކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

Ad by Hajj Corporation
މި ބޯޓަކީ ރަޝިޔާއާއި އީރާނާ ދެމެދު އަސްކަރީ ސާމާނު އުފުލާ ބޯޓެއް ކަމަށް ތުހުމަތު ކުރެވެއެވެ. އީރާނުން ޒަމާނުއްސުރެ ރަޝިޔާއަށް ޝާހިދު ޑްރޯން ފޯރުކޮށްދެމުންދާއިރު، މިހާރު ރަޝިޔާއިން އެ ޑްރޯންތަކުގައި ބާރުގަދަ ޖެޓް އިންޖީނު ހަރުކޮށް، އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބޭނުންކުރުމަށް އަނބުރާ އީރާނަށް ފޮނުވަމުންދާ ކަމަށް ބެލެވެއެވެ. ޔޫކްރެއިނުގެ މި ހަމަލާގައި ބޯޓު ފައްތާލާފައިވާއިރު، ފަޅުވެރިއަކު ވަނީ މަރުވެފައެވެ.
ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދޭ ހަމަލާތައް ވިލަރެސްކުރުމަށް ރަޝިޔާގެ ސެޓެލައިޓްތައް ބޭނުންކުރަމުންދެއެވެ. "އަޅުގަނޑުމެންގެ އިންޓެލިޖެންސަށް އިރުޝާދު ދޭނަން ރަޝިޔާއިން އީރާނަށް ފޯރުކޮށްދޭ އެހީތެރިކަމުގެ މައުލޫމާތު ބައިނަލްއަގުވާމީ ބައިވެރިންނާ ހިއްސާކުރުމަށް،" ޒެލެންސްކީ ވިދާޅުވިއެވެ. ޖުލައި މަހުން ފެށިގެން ރަޝިޔާގެ ސެޓެލައިޓްތަކުން ގަލްފުގެ ގައުމުތަކާއި އެމެރިކާގެ މަރުކަޒުތައް ބަލަމުންދާ ކަމުގެ ހެކި ޔޫކްރެއިނުން ވަނީ ހޯދާފައެވެ.
މި ހަމަލާގެ މައިގަނޑު މަގްސަދަކީ ރަޝިޔާއަކީ އީރާނަށް އެހީތެރިވާ ގައުމެއްކަން ސާބިތުކޮށްދީ، ޓްރަމްޕްގެ ސަޕޯޓަރުން ނުވަތަ 'މާގާ' މޫވްމަންޓުގެ ތާއީދު ޔޫކްރެއިނަށް ހޯދުމެވެ. ފާއިތުވި ހަފުތާގައި އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރުވެފައިވާއިރު، ޖުމްލަ 18 އެމެރިކާ މީހުން ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ. ޒެލެންސްކީ އުންމީދު ކުރައްވަނީ ރަޝިޔާއާއި އީރާނުގެ މި ގުޅުމުގެ ސަބަބުން، ޕޫޓިންއާ މެދު ޓްރަމްޕް ގެންގުޅުއްވާ މަޑުމޮޅި ސިޔާސަތު ބަދަލުވާނެ ކަމަށެވެ.
މި ހަމަލާއާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ މިއީ "ހަނގުރާމައިގެ އަލިފާންގަނޑު އިތުރަށް ފުޅާވެގެންދާނެ އުދުވާނީ އަމަލެއް" ކަމަށް ސިފަކުރައްވާފައެވެ. އީރާނުން ވަނީ ޔޫކްރެއިނުގެ ޑިޕްލޮމޭޓުން ހާޒިރުކޮށް މިކަން ކުށްވެރިކޮށްފައެވެ. މި ހާދިސާއާއެކު ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތައް މިވަނީ އެއްބައިވެފައެވެ.


