2026 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލްއަށް ބައިވެރިވެވިދާނެކަމާމެދު ސުވާލުއުފެދިއްޖެ
2 އޯގަސްޓު 2025 - 05:50

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ބްރެޒިލްގެ ސަޕޯޓަރުންނަށް ވިސާ ދޫކުރުން ހުއްޓާލުމަށް ވިސްނާވަޑައިގަންނަވާ އިންޓަނޭޝަނަލް އެނަލިސްޓް ލޯރިވަލް ސަންޓާނާ ހާމަކޮށްފިއެވެ. މިއާއެކު އަންނަ އަހަރުގައި އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕްގައި ބައިވެރިވާ ކުޅުންތެރިންނާއި އަދި ހާއްސަކޮށް ބްރެޒިލްގެ ސަޕޯޓަރުންނަށް އެމެރިކާއަށް އެތެރެވުމަށް ވިސާ ދޫނުކޮށްފާނެކަމުގެ ބިރު މިހާރު އެބައޮތެވެ.
ޓްރަމްޕުގެ މި ނިންމުމަކީ ބްރެޒިލްގެ މިހާރުގެ ސަރުކާރަށް ފިއްތުންތަކެއް ކުރިމަތިކުރުމުގެ ގޮތުން ގެންނަ ބަދަލެއްކަމުގައި ސީއެންއެންއިން ރިޕޯރޓްކޮށްފައިވެއެވެ.

Ad by Hajj Corporation
ސީއެންއެންގެ ތަހުގީގުން ދައްކާގޮތުގައި މިހާރުވެސް ބްރެޒިލްގެ އޮފިޝަލުންނަށް ވިސާ ދޫކުރުމުގައި ދަތިކުރަން ވަނީ ފަށާފައެވެ. މިގޮތުން މި ހަފްތާގައި ވޮޝިންގްޓަންއަށް ޒިޔާރަތްކުރި ބްރެޒިލްގެ ޕާލިމެންޓް މެންބަރުންނަށް ދޫކޮށްފައިވަނީ ވަރަށް ކުރު މުއްދަތުގެ ވިސާއެކެވެ. މިއީ އާދަޔާ ޚިލާފު ބަދަލެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު ބަދަލުތަކެއް އަންނާނެކަމުގެ ނިޝާނެއް ކަމުގައި ބެލެވެއެވެ.
ޖޫން 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވޯލްޑް ކަޕަކީ 48 ޓީމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. ބްރެޒިލްއަކީ މިހާރުވެސް މި މުބާރާތަށް ކޮލިފައިވެފައިވާ ޤައުމެއް ކަމާއި، ވޯލްޑް ކަޕްގެ ހުރިހާ މުބާރާތެއްގައި ބައިވެރިވެފައިވާ ހަމައެކަނި ޤައުމެވެ.
މި ރިޕޯޓާ ގުޅޭގޮތުން ފީފާއިން އެއްވެސް ކޮމެންޓެއް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ކުރިން ވަނީ ބައިނަލްއަޤްވާމީ ސަޕޯޓަރުންނަށް މުބާރާތުގައި މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ބްރެޒިލް ފުޓްބޯޅަ ކޮންފެޑެރޭޝަން (ސީބީއެފް) އިން މި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ސަޕޯޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައިވެއެވެ. އަދި މި ބަދަލު ރަސްމީވެއްޖެނަމަ، މައްސަލަ ހައްލުކުރުމަށް ބްރެޒިލްގެ ފެޑެރަލް ސަރުކާރާއެކު ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި އެންމެ ފަހުވަގުތާޖެހެންދެން ސަޕޯޓަރުންގެ ޙައްގުތަށް ހިމާޔަތް ކުރާނެކަމަށް ސީބީއެފް އިން ބުނެފައިވެއެވެ.
އަންނަ އަހަރުގައި އެމެރިކާގައި ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕާއި 2028 ވަނަ އަހަރުގެ އޮލިމްޕިކްސް އެމެރިކާގައި ބާއްވަން ހަމަޖެހިފައިވާއިރު، ޓްރަމްޕް ގެންގުޅޭ އިމިގްރޭޝަން ހަރުކަށި އުސޫލުތަކުގެ ސަބަބުން ސަޕޯޓަރުން އެޤައުމަށް ޒިޔާރަތްކުރާ އަދަދުތަކަށް ވަރަށް ބޮޑެތި އަސަރުކުރާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.