ނުޤަވާއިދުން ޕޭމަންޓް ސިސްޓަމެއް ހިންގައިފިނަމަ ބޮޑު ޖޫރިމަނާއެއް
4 އޯގަސްޓު 2025 - 07:12
.jpg&w=3840&q=75)
ޤައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.
މި ގާނޫނުގައި މިހާރު ވާގޮތުން، ލައިސެންސް ނުވަތަ ހުއްދަ ނުނަގައި ބޭންކުތަކަށްވެސް ރާއްޖޭގައި ޕޭމަންޓް ސިސްޓަމެއް ނުހިންގޭނެއެވެ. އެފަދަ ކަމެއްކޮށްފިނަމަ އެއްލައްކައާއި ދިހަ މިލިއަނުން ޖޫރިމަނާކުރުމުގެ އިހުތިޔާރުވެސް އެމްއެމްއޭއަށް ލިބިގެންވެއެވެ.

Ad by Hajj Corporation
ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ޙިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އެމްއެމްއޭއަށް އުފެއްދިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ޤާނޫނު އޮތްގޮތުން މި ބާރު އެމްއެމްއޭއަށް ލިބިދީފައެއް ނުވެއެވެ.
އިސްލާހުގައި އިތުރަށް ވަނީ، ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، މި ގާނޫނުގެ ދަށުން އެމްއެމްއޭއިން އެކަމަށް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ލިބިގެން ނޫނީ ރާއްޖޭގައި ޕޭމަންޓް ސިސްޓަމެއް ހިންގައިގެން ނުވާނެކަމަށް ބުނެފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށައަޅުއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގުއެވެ.
މި ބިލު ހުށައަޅާފައިވަނީ، ޕޭމަންޓް ސިސްޓަމްތައް ހިނގުމަށާއި، ޕޭމަންޓް ހިދުމަތްތައް ދިނުމުގެ ބޭނުމަށް، ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަހްސުތައް އުފެއްދުމުގެ ބާރު، ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ދިނުމަށާއި، ޕޭމަންޓް ހިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމަށްޓަކައި އިސްލާހު ގެނައުމަށެވެ.
މި ބިލުގައި އެންމެ ބޮޑަށް ހިމަނުއްވާފައިވަނީ ޕޭމަންޓް ސިސްޓަމްތައް ސޮލިސިޓްކުރުން ނުވަތަ ގަވައިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގުން ކުށްވެރިކުރުމާއި އެކަމަށް އަދަބު ކަނޑައެޅުމުގެ ބައެވެ. އެގޮތުން ޤާނޫނުގައި ބަޔާންކުރާ ބައެއް ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން އަދި ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް އިސްތިސްނާކުރާ ފަރާތްތަކާއި ހަރަކާތެއް ހިންގާ ފަރާތްތައްވެސް ހިމެނޭ ގޮތުން ރާއްޖެއިން ބޭރުގެ ފަރާތެއްގެ ފަރާތުން ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބިލުގައިި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލުގައި ނުކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެ ފަރާތެއް 1 ލައްކަ ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ.