ފިސްކަލް ޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތު އިތުރުކުރަން ހުށަހެޅި އިސްލާހު ފާސްކޮށްފި
1 ޑިސެމްބަރު 2025 - 07:09

ކޮންމެ ސަރުކާރަކުން ވެސް ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ހަދަން ލާޒިމް ކޮށްފައިވާ މުއްދަތު އިތުރު ކުރަން ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި ބިލެކެވެ. ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 58 މެންބަރުންގެ ވޯޓުންނެވެ.

Ad by Hajj Corporation
2024 ވަނަ އަހަރުގެ ފަހުކޮޅު ފާސްކުރި ގާނޫނުގައިވާ ގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސް ދުވަހުގެ ތެރޭގައި ފަސް އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް ފިނޭންސް މިނިސްޓަރު އެކުލަވާލައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރަން ޖެހެއެވެ. އޭގެ މަގުސަދަކީ ކޮންމެ ފަސް އަހަރުގެ ދައުރެއްގެ ފިސްކަލް ޕޮލިސީ ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ ޕޮލިސީއަކަށް ހެދުމަށް މަގުފަހިކުރުވުމެވެ.
މެމްބަރު ޑރ. އަނާރާ ހުށަހެޅުއްވި އިސްލާހުގައި ވަނީ، ގާނޫނުގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި 24 މަސް ދުވަހަށް އިތުރުކުރުމަށެވެ.
އަދި މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ހަދަން ވެސް، ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭން އަނާރާ ވަނީ ބިލުގައި ހުށަހަޅުއްވައިފައެވެ.
މީގެ އިތުރުން، އެ ގާނޫނުގައި ރިޔާސީ ދައުރެއް ހިންގަން ފަށާ މުއްދަތަކީ 18 މަސް ދުވަސް ކަމަށް ކަނޑައަޅާފައިވާ މާއްދާ އުނިކުރަން ވެސް، ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި، ސަރުކާރުން ހުށަހަޅައި، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވުޖޫދުކުރީ، ސަރުކާރުން އިތުރަށް ފައިސާ ޗާޕު ކުރަން ޖެހިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ހަރުދަނާ ކުރުމަށެވެ.
ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް، އެމްއެމްއޭ އިން ފައިސާ އެޑްވާންސްކޮށް ހޯދޭނީ ތިން އަހަރުގެ މުއްދަތަށް ސަރުކާރަށް ލިބޭ އާމްދަނީގެ 2.5 ޕަސެންޓެވެ.
މި ޤާނޫނުގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރާއި ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި ބަޖެޓު ނަތީޖާ ބަޔާނާއި ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ.


