ވިއެޓްނާމްގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ
5 އޯގަސްޓު 2025 - 12:32

އޫރާއި ވަލުއޫރަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ 'އެފްރިކަން ސްވައިން ފީވަރ' ވިއެޓްނާމުގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކަން އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ވިއެޓްނާމްގެ ދައުލަތުގެ މީޑިޔާއިން ބުނީ، އެފްރިކަން ސްވައިން ފީވަރ، ނުވަތަ އޭއެސްއެފްގެ އަސަރު ކޮށްފައިވާ އޫރުގެ އަދަދު ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިންގުނައަށް އިތުރުވެފައިވާ ކަމުގައެވެ.

Ad by Hajj Corporation
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލި ފެތުރެން ފެށުމާ އެކު ބާޒާރުގައި ވިއްކާ އޫރު މަހުގެ ސްޓޮކަށް ނުވަތަ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފަހުގެ ތާރީޚެއްގައި މި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރިގެން ގޮސްފައި ވަނީ 2018 އާއި 2019 ވަނަ އަހަރުގެ ތެރޭގައެވެ.
މި އަހަރުގެ ޖަނަވަރީން ފެށިގެން ޖުލައި މަހުގެ މެދާ ހަމައަށް 514 ސަރަޙައްދެއްގައި މި ބަލި ފެތުރެމުންދާ ކަމުގައި ވަނީ ދެނެގަނެވިފައެވެ. އަދި، ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 972 އަށް އުފުލިފައެވެ. ޖަނަވަރީއާއި ޖުލައި 15އާ ދެމެދު 30,000 ޖަނަވާރަށް (އޫރަށް) މި ބަލި ޖެހިފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، މިހާރު އެ އަދަދު ވަނީ 100,000 އަށްވުރެ މައްޗަށް އުފުލިފައެވެ.
ވިއެޓްނާމްގައި ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ވެކްސިން ބޭނުން ކުރާ މިންވަރު ދަށްވުމާ ގުޅިގެން ކަމުގައި މާހިރުން ބުންޏެވެ. އެ ކަމުގެ ފަހަތުގައި އޮތީ ވެކްސިންގެ އަގު ބޮޑުވުމާއި، ވެކްސިނަށް އޮތް އިތުބާރު ކުޑަވުމެވެ.


