75 ޕޮއިންޓަށް 315 މީހަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށް
6 އޯގަސްޓު 2025 - 10:36

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުން ގުރުއަތު ނެގިއިރު 76 މާކްސް އަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކުގެ ގުރު ނުނަގައި، 75 މާކްސް ލިބުނު މީހުންގެ ގުރުއަތުނަގައި 315 ފްލެޓް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
ފްލެޓްތަކުގެ ސޮއި ކުރުމުގެ މަރުހަލާގެ ތެރެއިން ފެންމަތިވި މި މައްސަލަ އޭސީސީއަށް ހުށަހެޅީ ހައުސިން މިނިސްޓްރީންނެވެ. އެ މައްސަލާގައި އެދިފައި ވަނީ، ފްލެޓް ދިނުމުގެ އުސޫލާ ހިލާފަށް، ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.

މިނިސްޓްރީން ބުނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް 2023 ނޮވެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތުގައި 76 އަށް ވުރެ މަތިން މާކްސް ލިބި އެ ފަރާތްތަކަށް ލިބެން ޖެހޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރި ކަމަށް މި މިނިސްޓްރީ އަށް ވަނީ ފާހަގަކުރެވިފަ ކަމަށް މިނިސްޓްރީން ހުށަހެޅި މައްސަލާގައި ފާހަގަ ކޮށްފައިވެއެވެ.
އުސޫލާ ހިލާފަށް، 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގައި އެފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް، ވަކި ފަރާތްތަކަކަށް މަންފާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމުގެ މަގްސަދުގައި ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަ ތަހްގީގްކޮށްދިނުމަށް މިނިސްޓްރީން ވަނީ އޭސީސީގައި އެދިފައެވެ.
ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުގައި އާއްމުކުރުމާ އެކު ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އެތައް ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހެޅި އެވެ.
އެ މައްސަލަތައް ބެލުމަށް ފަހު އޭސީސީން ބުނީ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަށް ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އަދި މައްސަަލަތައް ބަލަން މި ސަރުކާރުން ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތްތަކެއް ކުރުމަށް ފަހު، އެންމެ ފަހުން ނިންމީ ކުރީގެ ސަރުކާރުގެ ލިސްޓަށް ފްލެޓް ދިނުމަށެވެ.
ހައުސިން މިނިސްޓްރީން ލިސްޓުގައިވާ ނަންތައް އެފްޑީސީއަށް ފޮނުވުމުން، އެ ކުންފުނިން އަންނަނީ އެއްބަސްވުންތަކުގައި ސޮއި ކުރަމުންނެވެ. މިނިސްޓްރީން ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭވަރުވާނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓަށް ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރުފިޔާއެވެ.